ޚަބަރު

ފައިމަގުގައި ބުރިޖު ހުރަސްކޮށް ހުޅުލެއާއި ހުޅުމާލެއަށް ދާނަމަ ފިޔަވަޅު އަޅާނެ


  • އެއާޕޯޓާ ވީފަޅިން ހިނގާފައި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއް

  • މިއީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެދާނެ ކަމެއް

ސިނަމާލޭ ބުރިޖުގެ އެއާޕޯޓާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެގޮތަށް ބައެއް ފަރާތްތަކުން ބުރިޖު ހުރަސްކޮށް ހުޅުލެ އަދި ހުޅުމާލެއަށް ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭއާ ގުޅޭ ޓްރެފިކް ލައިޓު ހިމެނޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ބުރިޖުގެ ވޯކްވޭ ލައިޓާއި ހިސާބުން ބަންދުކޮށްފައެވެ.

ބުރިޖު ހުޅުވި ދުވަހުން ފެށިގެންވެސް ބުރިޖާއި ވީކޮޅުން ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެކަން އާންމުންނަށް އެނގުމަށްޓަކައި އެތަނުގައި ބެރިކޭޑުވެސް ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އެ ބެރިކޭޑުތައް ހުރަސްކުރާކަން ފާހަގަކުރެވިފައިވާކަމަށާއި އެގޮތަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.


ފުލުހުން ވިދާޅުވީ އެގޮތަށް ޢަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، އެ ސަރަޙައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެކަން ފުލުހުން ފާހަގަކުރައްވައެވެ.

ކަސްރަތު ކުރުމަށާއި ހަވީރާއި ރޭގަނޑުގެ ގަޑިތަކުގައި ހިނގާލުމަށްޓަކައިވެސް، އާންމުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ބުރިޖު މަތީގައި ހަރަކާތްތެރިވެއެވެ. އެގޮތަށް އުޅޭއިރުވެސް ބުރިޖާއި އަދި އެސަރަޙައްދުގައި ހަރުކުރެވިފައިވާ ނިޝާންތަކަށް ބޯލެނބުމަކީ މުހިއްމުކަމެކެވެ.

އާންމު ސްޕީޑަށްވުރެ ބާރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނަ ބުރިޖާއި ހައިވޭގައި ފައިމަގުގައި އުޅުމަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެދާނެކަންކަމެވެ. އެހެންކަމުން ކަސްރަތަށް ނިކުމެ އުޅުމުގައިވެސް ބުރިޖު ހުރަސްކޮށް ހުޅުމާލެއާއި ވީފަޅިއަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫނެވެ.