ޚަބަރު

އަފްޣާނިސްތާނުގެ ސާފަރު ބަލިކޮށް ޔަސިން ތިންވަނަ ބުރަށް


  • ޔަސިން ތިންވަނަ ބުރުން ޖާގަ ހޯދީ ހީޓު ހަތަރެއްގައި ވާދަކޮށްގެން

  • ސާފިން އަކީ ކޮލިފިކޭޝަންގައި ވާދަކޮށް އޭޝިއަން ގޭމްސްއިން ޖާގަ ހޯދި ހަމައެކަނި ކުޅިވަރު

ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސާފިންގެ މެންސް އޯޕަންގެ ދެވަނަ ބުރުގެ ހީޓު ހަތަރެއް ކާމިޔާބުކޮށް ޒުވާން ސާފަރު ޔަސިން އަހުމަދު ނާޝިދު ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތައް ޔަސިން ދިޔައީ ރަނގަޅު ފޯމެއްގައި ހުރެގެންނެވެ. އޭނާ ވަނީ މި ފަހުން ދިވެހި ސާފް ލީގުގައި ބޭއްވި މުލީކޮޅު ރާޅުގަނޑު ވެސް ކާމިޔާބުކޮށްފައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ދެވަނަ ބުރުގައި ޔަސިން އެޅީ ހީޓު ހަތަރެއްގައެވެ. ޔަސިންއާ ވާދަކުރީ އަފްޣާނިސްތާނުގެ އަމޫ އަފްރިދުއެވެ. މި ހީޓު ޔަސިން ކާމިޔާބުކުރީ މުޅިއެކު 8.13 ސްކޯކޮށްގެންނެވެ. ހީޓުގައި ޔަސިން އެޅީވެސް މުޅިއެކު ދެ ރާޅުގައެވެ. ފުރަތަމަ ރާޅުން 4.13 ސްކޯކުރިއިރު، ދެވަނަ ރާޅުން 4.00 ސްކޯކުރިއެވެ.

އަފްޣާނިސްތާނުގެ އަމޫއަށް ކުރެވުނީ މުޅިއެކު 2.14ގެ ސްކޯއެކެވެ.

މީގެއިތުރުން ރާއްޖޭގެ ތިން ރާޅާއެޅުންތެރިންވަނީ ދެވަނަ ބުރުގައި ވާދަކޮށްފައެވެ. މެންސް އޯޕަންގައި ރާއްޖޭގެ ހުނަރުވެރި ރާޅާއެޅުންތެރިޔާ ކަޔާން އަބްދުﷲ އަރީފް ނުކުތީ ތައިލަންޑްގެ ސައި އިއޯއާ ދެކޮޅަށެވެ. މި ހީޓު ތައިލެންޑްގެ ރާޅާއެޅުންތެރިޔާ ކާމިޔާބުކުރީ މުޅިއެކު 11.20 ސްކޯކޮށްގެންނެވެ. މި ހީޓުގައި ކަޔާންއަށް ސްކޯކުރެވުނީ 5.67 އެވެ.

މީގެ އިތުރުން ވިމެންސް އޯޕަންގައި ރާއްޖޭގެ މަރްޔަމް ރާހިލް ނަސީމްއާއި އައިމިނަތު ތަނީސް ޝިރަން ވެސް ވަނީ ވާދަކޮށްފައެވެ.

ސާފިން އިން އޭޝިއަން ގޭމްސްގައި ވާދަކުރަނީ ކޮލިފިކޭޝަނުން ލިބުނު ހަތަރު ސްލޮޓުގައެވެ. ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި، އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ކޮލިފިކޭޝަން ސްލޮޓް ޔަގީންކޮށްފައެވެ.