ކުޅިވަރު

ކްރިކެޓް ވޯލްޑްކަޕް: އިންޑިއާ، ޕާކިސްތާން، އޮސްޓްރޭލިޔާ އެއް ގްރޫޕަކަށް


ކްރިކެޓް ގަދަ ބާރުތައް ކަމަށްވާ އޮސްޓްރޭލިޔާ އާއި އިންޑިއާ އަދި ޕާކިސްތާން އަންނަ އަހަރު ބާއްވާ ކްރިކެޓް ވޯލްޑް ކަޕުގައި އެއް ގްރޫޕަކަށް ހިނގައްޖެ އެވެ.

މި ތިން ގައުމަކީ ވެސް މުބާރާޓުގެ ކުރީގެ ޗެމްޕިއަނުންނެވެ. އޮސްޓްރޭލިޔާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ގައުމުން ޖުމުލަ ހަ ފަހަރު ތަށި ހޯދާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އެއީ އެވެ، އިންޑިޔާއިން 1983 އާއި 2011ގައި މި ތަށި ހޯދާފައިވާއިރު ޕާކިސްތާނަކީ 1992ގެ ޗެމްޕިއަނުންނެވެ.

ޖުމުލަ 12 ގައުމު ވާދަކުރާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މި ތިން ގައުމުގެ އިތުރުން އަފްޢާނިސްތާނާއި ޒިމްބާބުވޭ އާއި ކުރިއަރަމުން އަންނަ ގައުމުތަކުގެ ކޮލިފައިން ބުރުން ހޮވޭ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ.

ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބުރާސްފަތި ދުވަހު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ގްރޫޕް ބީ ގައި ހިމެނުނީ ބަނގްލަދޭޝް އާއި އިނގިރޭސވިލާތާއި ދެކުނު އެފްރިކާ އާއި ސްރީލަންކާ އާއި ނިއުޒީލޭންޑާއި ކޮލިފައިން ބުރުން ހޮވޭ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. މި ގްރޫޕުގައި އިނގިރޭސިންނަކީ 2019 ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ. އަދި ލަންކާ ވަނީ 1996ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގެ ކުރީގެ ޗެމްޕިއަނުންގެ ތެރެއިން ކޮލިފައިނުވާ ބަޔަކީ ވެސްޓް އިންޑީޒެވެ. އެ ގައުމުން ވަނީ 1975 އާއި 1979ގައި ތަށި ހޯދައިފަ އެވެ.

ދެކުނު އެފްރިކާ އާއި ނެމީބިއާ އާއި ޒިމްބާބުވޭ ގުޅިގެން ބާއްވާ މުބާރާތުގައި ކުޅޭ 12 ގައުމުގެ ތެރެއިން 10 ގައުމަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ރޭންކިންއިން އޮޓެމެޓިކުން ހޮވާލެވޭ ގައުމުތަކެވެ. މުބާރާތް ރާވާފައިވަނީ ގްރޫޕް ސްޓޭޖުގައި ކޮންމެ ގައުމަކުން ވެސް އެއް ބަޔަކު އަނެއްބަޔަކާ ކުޅޭ ކުޅޭ ގޮތަށެވެ.

މުބާރާތް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 21 އަށެވެ. މިހާރު ރާވާފައިވާ ގޮތުން މުބާރާތުގައި 57 މެޗު ކުޅޭނެ އެވެ. މުބާރާތް ރާވާފައިވަނީ ޕްރިލިނަރީ ނުވަތަ ކޮލިފައިން ބުރަކާއި ގްރޫޕް ސްޓޭޖް އަދި ގަދަ ހަތް ޓީމުގެ ބުރެއްގެ އިތުރުން ނޮކްއައުޓް ބުރެ ހިމެނޭ ގޮތަށެވެ.