އީރާނުގެ ތެލާބެހޭ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި މުޙުސިން ޕާކްނީޒާދު، އޭނާގެ އަމިއްލަ ސަބަބުތަކަކާ ގުޅިގެން މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ނޭޝަނަލް އިރޭނިއަން އޮއިލް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުގައި މި ވަގުތު ހުންނެވި ޙާމިދު ބުވަރްދު، ވަގުތީ ގޮތުން ތެލާބެހޭ ވަޒީރު ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އޯޕެކްގައި ހިމެނޭ އީރާނުގެ ތެލާބެހޭ ވަޒީރު ކަމުގެ މަޤާމާ ޕާކްނީޒާދު ޙަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭނާ މި ނާޒުކު ދަނޑިވަޅުގައި މަޤާމުން އިސްތިޢުފާ ދެއްވާފައި މި ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މި ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އީރާނުގެ މުޅި އިޤުތިޞާދަށް ވަނީ ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. އަދި، މިއީ ޤައުމުގެ އިޤުތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެކެވެ.
އީރާނުގެ ރައީސް އޮފީހުގެ ތަރުޖަމާނުގެ ނައިބު މަހުދީ ޠަބްޠަބާއީ، ދައުލަތުގެ ޓީވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާކްނީޒާދު މަޤާމުން އިސްތިއުފާ ދެއްވީ "މީގެ ވަރަށް ކުރިން" ކަމުގައެވެ. އަދި، އޭނާގެ އިސްތިޢުފާ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ޤަބޫލުފުޅުކުރެއްވީ، އެ ކަމުގައި ޕާކްނީޒާދު އަމިއްލަފުޅަށް ވަރަށް ބޮޑަށް އެދިވަޑައިގެންނެވުމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޕީޒިޝްކިޔާން، ޕާކްނީޒާދުގެ އިސްތިޢުފާ ރަސްމީކޮށް ޤަބޫލުފުޅުކުރެއްވުމާއެކު، ވަގުތީ ވަޒީރު ކަމުގެ މަޤާމަށް ބުވަރްދު ހަމަޖައްސަވައިފި ކަން ކުރީކޮޅު ޠަބްޠަބާއީ ވަނީ ހާމަކުރައްވާފައެވެ.
ޕާކްނީޒާދުގެ އިސްތިޢުފާގެ ޚަބަރު ޢާންމުވުމުގެ ކުރިން އޭނާ ވަނީ ޤައުމުގެ އިޤުތިޞާދީ ޙާލަތާ ގުޅޭގޮތުން ޢާންމުންނަށް ޔަގީންކަން ދެއްވާފައެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ބޭރު ޤައުމުތަކަށް ވިއްކާފައިވާ ތެލުގެ އާމްދަނީ އަދިވެސް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް އެ އާމްދަނީ ލިބުން އެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.