ސަރަޙައްދީ ދުމުގެ އަސަރު ގަދަވުމުގެ ސަބަބުން، މެލޭޝިއާގެ 8 ސަރަޙައްދަކާއި ސިންގަޕޫރުގެ ބައެއް ސަރަޙައްދުތަކުގައި ވައިގެ ސާފުކަން ސިއްހަތަށް ނުރައްކާވާ މިންވަރަށް ދަށަށް ހިނގައްޖެއެވެ.
މެލޭޝިއާގެ ސެލަންގޯރު، ޖޯހޯރު، ނެގްރީ ސެމްބިލަންގެ އިތުރުން ފެޑެރަލް ޓެރިޓަރީތައް ކަމަށްވާ ކުއާލަލަމްޕޫރާއި ޕުތުރަޖާޔާގެ ޖުމްލަ އަށް ސަރަޙައްދެއްގައި، ވައިގެ ނުސާފުމިން ބަލާ އެއާ ޕޮލިއުޓަންޓް އިންޑެކްސް (އޭޕީއައި) މިއަދު ހެނދުނު ވަނީ 100 އިން މައްޗަށް އަރާފައެވެ. މެލޭޝިއާގެ އެއާ ޕޮލިއުޓަންޓް އިންޑެކްސް މެނޭޖްމަންޓް ސިސްޓަމުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ މަތިން އޭޕީއައި ރެކޯޑުކުރެވިފައިވަނީ ސެލަންގޯރުގެ ޖޯހަން ސެޓިއާގައެވެ. އެއީ 154 އެވެ.
މީގެ އިތުރުން ޖޯހޯރުގެ ލާކިން އަދި ޕާސިރު ގުޑާންގްގައި 153 ރެކޯޑުކުރެވުނުއިރު، ބާތޫ ޕަހާތުގައި 152 އަދި ސެގަމަތުގައި ރެކޯޑުކުރެވުނީ 104 އެވެ. ހަމައެއާއެކު، ކުއާލަލަމްޕޫރުގެ ޗެރާސްގައި 152، ޕުތުރަޖާޔާގައި 151 އަދި ނެގްރީ ސެމްބިލަންގެ ނިލައިގައިވެސް ވައިގެ ނުރައްކާތެރިކަން ވަނީ މަތިވެފައެވެ.
މެލޭޝިއާގެ އެހެން ސަރަޙައްދުތަކުގެ ހާލަތަށް ބަލާއިރު، 59 ސަރަޙައްދެއްގައި ވައިގެ ސާފުކަން ހުރީ މެދުމިންވަރެއްގައެވެ. އަދި ވައިގެ ސާފުކަން ރަނގަޅު ފެންވަރެއްގައި ރެކޯޑުކުރެވިފައިވަނީ އެންމެ ސަރަޙައްދެއްގައެވެ. މެލޭޝިއާގެ މިންގަނޑުތަކަށް ބަލާއިރު، އޭޕީއައި 0 އިން 50 އަކީ ރަނގަޅު ފެންވަރެވެ. 51 އިން 100 އަކީ މެދުމިންވަރެވެ. އަދި 101 އިން 200 އަކީ ސިއްހަތަށް ގެއްލުންހުރި ނުރައްކާތެރި ފެންވަރެކެވެ. މީގެ އިތުރުން 201 އިން 300 އަކީ ވަރަށް ނުރައްކާތެރި މިންވަރަކަށް ވާއިރު، 300 އިން މައްޗަށް ދިއުމަކީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ބައެއް ސަރަޙައްދުތަކުގައިވެސް މިއަދު ހެނދުނު ވަނީ ވައިގެ ސާފުކަން ދަށްވެ، ސިއްހަތަށް ނުރައްކާވާ ފެންވަރަށް ވަނީ ވައި ނުސާފުވެފައެވެ. އެގޮތުން މިއަދު ހެނދުނު 6:00 ގައި ސިންގަޕޫރުގެ މެދުތެރޭ ސަރަޙައްދުގައި 24 ގަޑިއިރުގެ ޕޮލިއުޓަންޓް ސްޓޭންޑަރޑްސް އިންޑެކްސް (ޕީއެސްއައި) 110 އަށް އެރިއިރު، ހުޅަނގު ސަރަޙައްދުގައި ވަނީ 102 އަށް އުފުލިފައެވެ. އަދި ވައިގެ ތެރޭގައި ހުންނަ ކުދި ޒައްރާތަކާއި ދުމުގެ މާއްދާތައް ކންމެ ގަޑިއަރަކުން މިންކުރާ ޕީއެމް 2.5 ގެ މިންވަރު މެދުތެރޭ ސަރަޙައްދުގައި 93 ގައި އަދި ހުޅަނގު ސަރަޙައްދުގައި 81 ގައި ވަނީ ރެކޯޑުކުރެވިފައެވެ.
ސިންގަޕޫރުގެ އުތުރާއި، ދެކުނު އަދި އިރުމަތީ ސަރަޙައްދުތަކުގައި ޕީއެސްއައި ހުރީ 49 އާއި 52 އާ ދެމެދު އާދައިގެ ފެންވަރެއްގައެވެ. ސިންގަޕޫރުގެ މިންގަނޑުތަކުގައި 24 ގަޑިއިރުގެ ޕީއެސްއައި 101 އާއި 200 އާ ދެމެދަށް އެރުމަކީ ނުރައްކާތެރި ހާލަތެކެވެ. އަދި ޕީއެމް 2.5 ގެ މިންވަރު 56 އާއި 150 އާ ދެމެދު ހުރުމަކީ ދުމުގެ އަސަރު އިންތިހާއަށް ބޮޑުވެފައިވާކަން އަންގައިދޭ ނިޝާނެކެވެ. އިއްޔެ އިރުއޮއްސި 9:00 ގައި 101 އަށް އެރުމަށްފަހު ރޭގަނޑު 11:00 ގައި 99 އަށް ކުޑަކޮށް ދަށްވި ނަމަވެސް، ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ވައިގެ ނުރައްކާތެރިކަން ދިޔައީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ