ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ލޮތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ގާއިމްުކުރަންޖެހޭކަމަށް ސިއްޙަތާޢި އާއިލާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރރަން ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މިއަހަރުގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީާީ ބަދަލު" މި ޝިޢާރަށް އަލިއަޅުވާލައްވާ ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ އެކަމުންވެސް ހަނދާންކޮށްދެނީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެކަން ކަމަށެވެ. ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުން މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަޙައްމަލު ކުރުމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ"ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ. މީގެ އިތުރުން މިއަދު ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބެލުމަށާއި މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށްވެސް ލިބުނު ރަނގަޅު ފުުރުޞަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމާއި އެއީ އެންމެންގެ މަސްޢޫލިއްޔަތެއްކަން މި ހަރާކާތުން ހަނދާންކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ. އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށްގެންދަނީ ކ. ކާށިދޫގައެވެ.
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކަށްވާއިރު، ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން ޤާއިމުކުރި ހެލްޕްލައިންއަކީ މިދާއިރާގެ ކަންބޮޑުވުންތައް އަހާ، ޙައްލު ހޯދުމަށް މަސައްކަތްކުރުމަށް ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު ފާލަމެކެވެ. ނަފްސާނީ މައްސަލަތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހެލްޕްލައިން "1677" ތަޢާރަފުކުރީ 2024ވަނަ އަހަރުގައެވެ. އަދި ހެލްޕްލައިނަށް، މިހާތަނަށް 23،000އަށްވުރެ ގިނަ މީހުން ގުޅާ އެހީތެރިކަން ހޯދާފައިވެއެވެ.
ނަފުސާނީ ބަލީގެ ފަރުވާ ފުޅާކުރުމަށް އެކަމަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި އަދި މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށްވެސް ޚާއްސަ ސިޔާސަތުތައް އެކުލަވާލާ ދަނީ މަސައްކަތް ކުރަމުންނެވެ.