އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ އުޒްބެކިސްތާނުގެ ނެފެޗީ ފެރްގާނާ އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު 3-1 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގައި މި މެޗު ފެށުމަށް 15 މިނިޓަށް ވެފައިވަނިކޮށް އެ ގައުމުގެ ސިވިލް ޑިފެންސްއިން ސަލާމަތީ އިންޒާރެއް ނެރުމާއި ގުޅިގެން މެޗު ކުޅެފައިވަނީ މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ އެއް ގަޑިއިރަށްވުރެ ގިނައިރު ފަހުންނެވެ.
މެޗު ފެށުން ލަސްކޮށްފައިވަނީ ޔަމަނުގައި ހަރަކާތެރިވާ ހޫތީންގެ މިސައިލް ހަމަލާއެއް ސައުދި އަރައްބިޔާއަށް އަމާޒުވެދާނެކަމުގެ ބިރު އޮތުމާއި ގުޅިގެންނެވެ.
އަލް ނަސްރުއިން މި މެޗުގައި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި އެންޖެލޯ ޖަހައިދިން ލަނޑުންނެވެ.
އަދި އޭގެ 9 މިނިޓު ފަހުން މެޗުގެ 42 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިއީ އަލް ނަސްރާއި ގުޅުނުފަހުން ކްރިސްޓިއާނޯ އެ ކްލަބަށް ޖަހައިދިން 134 ވަނަ ލަނޑެވެ.
އަލް ނަސްރުން ދެ ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ރެފްރީ ވަނީ ނެފެޗީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 6 ވަނަ މިނިޓުގައި ނެފެޗީގެ އޮޑިލޯވް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
ނެފެޗީއަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 65 ވަނަ މިނިޓުގައި އެޓީމުގެ އިކްރޯމްޖޮން އަލިބައޭވް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް އެ ޓީމުން ކުޅެން ޖެހުމުގެ ސަބަބުންނެވެ.
އަލް ނަސްރުއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 78 ވަނަ މިނިޓުގައި ނެފެޗީގެ އަންވަރުޖޮން ގޮފުރޯވް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.