ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތުގައި މިރޭ ފްރާންސްގެ ލިލްއާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ މުހިންމު ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އިނގިރޭސި ޗެމްޕިއަން ޓީމުގެ ކޯޗު މިކޭލް އާޓެޓާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރި ނުވަނީ ސްޕޭނުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އާއި ޕިއޭރޭ ހިންކާޕިއާ ކަމަށެވެ.
"އަހަރުމެންނަށް ނަސީބު ދެރަކަމުން މި ދެ ކުޅުންތެރިން މި މެޗުގައި ބައިވެރި ކުރެވޭ ގޮތެއްނުވި. ވަރަށް މުހިންމު ދެ ކުޅުންތެރިން އަހަރުމެންނަށް މި ގެއްލުނީ. އެކަމަކު ވެސް ޓީމު އޮތީ ތައްޔާރަށް. ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެ،" އާޓެޓާ ބުންޏެވެ.
ހުސްވި ސީޒަނުގެ މުބާރާތުގެ ފައިނަލް ކުޅުނު ޓީމުގެ ކޯޗު ބުނީ ތަށި ދިފާއު ކުރަން ނުކުތް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ) އަތުން ބަލިވުމުން އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދީފައިވާނެ ކަމަށެވެ.
"އަހަރެން ބުނިން އެ މީހުން ގާތުގައި މިއީ އަހަރުމެންނަށް ހައްގު މިންވަރެކޭ. ކިތައް ފަހަރުހޭ ކުލަބުގެ ތާރީޚުގައި ވެސް ފައިނަލާ ހިސާބަށް ދަތުރު ކުރެވުނީ. ޗެމްޕިއަންސް ލީގު ހޯދުމަކީ އެހާ ފަސޭހަ ކަމެއްނޫން. އެހެންވީމާ ލިބުނު ކާމިޔާބީއާ މެދު އަހަރުމެން ހިތްހަމަ ޖެހޭ. އެކަމަކު އަބަދުވެސް ބޭނުންވާނީ އެއަށްވުރެ ކުރިއަށްދާން. މި ސީޒަނުގައި ވެސް އަހަރުމެންގެ ޓާގެޓަކީ ތަށި. އެ ހިސާބަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ކޯޗު ބުންޏެވެ.
އާޓެޓާ ބުނީ ޗެމްޕިއަންސް ލީގަށް މި ސީޒަނަށް ވެސް ގިނަ ޓީމުތައް ވަނީ ވަރުގަދަ ކޮށްފައި ކަމަށާއި ލިލް އަކީ ވެސް މޮޅު ޓީމެއް ކަމަށެވެ.
"އެ މީހުންގެ މެޗުތައް ބެލީމާ އެނގޭނެ އެއީ މޮޅު ޓީމެއްކަން. ވަރަށް ރޭވުންތެރި ޓީމެއް. އަހަރުމެންނަށް މި މެޗު އެއް ގޮތަކަށް ވެސް ފަސޭހަ ނުވާނެ. އަހަރުމެން ޖެހޭނީ ވަރަށް މަސައްކަތް ކުރަން،" ކޯޗު ބުންޏެވެ.
މި މެޗު ފަށާނީ މިރޭ ބާރަ ޖަހާއިރު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.