ތަރައްްޤީ

ސަރުކާރަށް 3 އަހަރު - ކަރަންޓް ޔަޤީންކުރުމުގެ ކާމިޔާބީ


ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް 24 ގަޑިއިރު ކަރަންޓްގެ ޔަޤީންކަން ފޯރުވައިދެއްވުމަށްޓަކައި މި ސަރުކާރުން ގެންދަވަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓްގެ ޔަޤީންކަން ހޯއްދަވައިދެއްވި ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރެވެ.

ކަރަންޓްގެ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 70 ޖަނަރޭޓަރު ރާއްޖެ ގެންނަވައި، ފެނަކަ ކޯޕަރޭޝަނުން ވަނީ އެންމެ ބޮޑަށް މައްސަލަ ކުރިމަތިވި ރަށްތަކަށް ޖަނަރޭޓަރުތައް ފޮނުއްވާ، ރައްޔިތުންނަށް ކަރަންޓްގެ ޔަގީންކަން ހޯއްދަވައިދެއްވާފައެވެ. އަދި ބައެއް ރަށްތަކުގައި ހުރި ގިނަދުވަސްވީ ކަރަންޓް ކޭބަލްތައް ބަދަލުކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުވައިދެއްވާފައިވެއެވެ. ރަށު ތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރެއްވުމުގެ މަޝްރޫޢެއް ފައްޓަވާ މިހާތަނަށް 16 ރަށެއްގައި އާ އިންޖީނުގެ ހުޅުވާފައިވެއެވެ.

އާބާދީއާ އެއްވަރަށް ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާބާދީބޮޑު ހުރިހާ ރަށަކަށް އާ ޖަނަރޭޓަރު ފޮނުއްވައި އެޖަނަރޭޓަރުތައް މެދުވެރިކޮށް ކަރަންޓްގެ ޚިދުމަތް ދެއްވަން ވަނީ ފައްޓަވާފައެވެ. އަދި މައްސަލަތައް ހުރި ޖަނރޭޓަރުތައް ބަދަލުކުރެއްވުމަށް މަޝްރޫޢެއް ފައްޓަވާ، އިތުރު 50 ޖަނަރޭޓަރު ގެންނެވުމަށް ނިންމަވާ އެ މަޝްރޫޢުވެސް މިހާރު ވަނީ ފައްޓަވާފައެވެ.

24 ގަޑިއިރުގެ ކަރަންޓް ޔަގީން ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ޚަރަދު ގާތްގަނޑަކަށް 300 މިލިއަނާ ކައިރިކުރާ ކަމަށް ފެނަކައިން ހާމަކުރައްވައެވެ.

ފެނަކައިން ކުރިއަށްގެންދެވި މަޝްރޫޢުތަކަށް ބަލާއިރު އިންޖީނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢޫގެ ދަށުން 6 ރަށަކަށް ވަނީ ޖެނެރޭޓަރ ފޮނުވާފައެވެ. އަދި އިންޖީނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮޖެކްޓްގެ ޕްރޮގްރާމްގެ ދަށުން ގާތްގަޑަކަށް ދިހަ މިލިޔަން އަށްސަތޭކަ ސާޅިސް އަށްހާހަށް ވުރެއް ގިނަ ރުފިޔާ ޙަރަދުކުރައްވާފައިވެއެވެ.

ޕަވަރ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ ޕްރޮޖެކްޓަށް ވެސް މިލިޔަނަކަށް ވުރެއް ގިނަ ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ. އަދި އިންޖީނުގެ ތަކުގެ ވަށާފާރު ރޭނުމާއި އިމާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތަށް ބާރަ މިލިއަން ދުއިސައްތަ ފަންސާސް އަށް ހާހަށް ވުރެއް ގިނަ ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ.

ފެނަކައިން ކުރިޔަށްގެންދަވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބަލާއިރު، މި މަޝްރޫޢަށް މިހާތަނަށް 118 މިލިޔަނަށް ވުރެއް ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށް އެފަރާތުން ހާމަކުރައްވައެވެ.

ފެނުގެ ނިޒާމް މިހާތަނަށް 12 ރަށެއްގައި ސަރުކާރުން ޤާއިމް ކުރައްވާފައިވެއެވެ. އަދި 16 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތުގެ ޓެންޑަރިންގ މަރުހަލާ މިހާރު 15 ރަށެއްގައި ކުރިއަށްއެބަދެއެވެ. ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ޑިޒައިން މަސައްކަތުގެ މަރުހަލާ ކުރިއަށްދަނީ 6 ރަށެއްގައެވެ.

އެންމެނަށް ސާފުބޯފެން ޔަޤީންކޮށްދިނުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން 24 ރަށެއްގައި ޢަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ސާފުބޯފެނުގެ މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް 17 ރަށުގައި ކުރިއަށްދާއިރު، 57 ރަށެއްގައި މިމަޝްރޫޢު ކުރިއަށްގެންދިއުމަށް ޑިޒައިންގ ޓެންޑަރިންގ މަރުހަލާގައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ނަރުދަމާގެ ނިޒާމުގެ ތަފްސީލަށް ބަލާލާއިރު، 10 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކޮށް ވަނީ ނިމިފައެވެ. ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް 21 ރަށެއްގައި މިހާރު ދަނީ ކުރަމުންނެވެ. އަދި 22 ރަށެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށް ޢަމަލީ މަސައްކަތުގެ ޓެންޑަރިންގ މަރުހަލާ ކުރިއަށްދާއިރު، 8 ރަށެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޑިޒައިން މަރުހަލާ ކުރިއަށްދާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ޙައްލުކޮށް ދެއްވުމަށް ވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުން. އެގޮތުން ރަށްރަށުގައި ފެން ރައްކާކުރާނެ ވަސީލާތްތައް ޤާއިމު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

މިއަހަރު ފެނަށް ޖެހިގެން 104 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު 88 ރަށަކަށް ފެން ފޯރުކޮށްދީފައިވެއެވެ.

މިއަހަރުގެ ހޫނު މޫސުމުގައި ރަށްރަށަށް ފެންފޯރުކޮށްދެވުމަށް ދައުލަތުގެ ބަޖެޓުން ދިހައެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ.