ހއ.އަތޮޅުގެ ކަރަންޓު ޚިދުމަތާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ޚިދުމަތާއި ހަވާލުވުމަށްފަހު އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
— STELCO (@STELCOMALDIVES) October 17, 2026
މީގެކުރިން ސްޓެލްކޯއިންވަނީ އައްޑޫސިޓީ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ހަވާލުވެފައެވެ. ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ފާހަގަކުރެއްވިގޮތުގައި ސްޓެލްކޯގެ އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު އާއްމުން ޤަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުމެވެ.
ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.