އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާއަކީ ރާއްޖެއަށް މިހާރު 7ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. މިދިޔަ އަހަރު ނިމުނުއިރު އޮސްޓްރޭލިއާ އޮތީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ 11ވަނައިގައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 39,487 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން ރާއްޖެއަށް ޒިޔާރާތްކުރި 32,843 ފަތުރުވެރިންނާ އަޅާ ބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ.
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 2.4 އިންސައްތަ ހިއްސާކުރަނީ މިހާރު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނެވެ. މިއާއެކު އޮސްޓްރޭލިއާއަކީ ރާއްޖެއަށް މިހާރު 7ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. މިދިޔަ އަހަރު ނިމުނުއިރު އޮސްޓްރޭލިއާ އޮތީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ 11ވަނައިގައެވެ.
އޮސްޓްރޭލިއާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މުހިންމު މާކެޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ 6 މަސްދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 17,737 ފަތުރުވެރިން ޒިޔާރާތްކޮށްފައިވީނަމަވެސް، ފާއިތުވި މަސްތަކުގެ ތެރޭގައި އެ އަދަދު ވަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ މިއަހަރުގެ މޭ މަހުގެ 18ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ އަންނަ އަހަރުން ފެށިގެން ޝެޑިއުލްކޮށް ކޮންމެ ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތައް ކުރަނީ އެ ކުންފުނީގެ ފްލީޓްގައި ހިމެނޭ އޭ330 މަތިންދާބޯޓުގައެވެ.
އޮސްޓްރޭލިއާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ޗައިނާއިން 300،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މީގެ އިތުރުން، ރަޝިއާއިން 200،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުން 100،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި އަވަށްޓެރި އިންޑިއާއިން 95،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.