ޚަބަރު

ސުކޫކު އަނބުރާ ދެއްކުމަށް އެސްޑީއެފުން 350 މިލިޔަން ޑޮލަރު


  • ދަރަނި ދެއްކުމަށް އެސްޑީއެފް ފަންޑު ޚާއްޞަކޮށްފައިވޭ

  • އެޕްރީލް މަހާ ހަމައަށް މިފަންޑަށް ރެކޯޑު މިންވަރަކަށް ފައިސާ ޖަމާކުރެވުނު

500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްްއެމްްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10 ވަނަ ޕްރޮގްރާމުގައި ދައުލަތުގެ ދަރަނިތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން މި އަހަރާ ކުރިމަތިލީވެސް ވަރަށް ބޮޑެތި މާލީ ޒިންމާތަކެއް އަދާކުރުމުގެ އަމާޒުގައި ކަމަށެވެ. އެގޮތުން ތާރީހުގައިވެސް އެކީ އެއްފަހަރާ އަދާކުރަންޖެހޭ ރިކޯޑް މިންވަރެއްގެ ބޮޑެތި ދަރަނިތަކެއް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ހާލަތައް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، އަހަރުގެ ދެވަނަ ކުއާޓަރަށް އައިއިރު ދުނިޔޭގެ ބާޒާރުގެ ހާލަތަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން، ތަފާތު އެކި މަނިޓަރީ މެޝާޒްތައް ނަންގަވަމުން ގެންދިޔަ ކަމަށެވެ. އަދި ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށް ދަރަނި ދެއްކުމަށް އެ ފަންޑު ޚާއްޞަކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޮޑެތި ދަރަނިތައް ދައްކައި ޚަލާސްކުރުމަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރުގެ އެޕްރީލް މަހާ ހަމައަށް އައިއިރު މިފަންޑަށް ރެކޯޑު މިންވަރަކަށް ފައިސާ ޖަމާކުރެވިފައިވޭ. އެއީ ދަރަނި ދެއްކުމަށް ތައްޔާރުވުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ދަށުން. ހަމައެއާއެކު ދައުލަތުގެ ރިޒާވްއަށް ކުރިއެރުން ހޯދުމަށް ކަނޑައެޅުނު ސިޔާސަތުގެ ތެރެއިން ރިޒާވްވެސް މިއަހަރުގެ މާރިޗް މަހާއި ހަމައަށް އައިއިރު، ރިކޯޑު މިންވަރަކަށް އިތުރުވެފައިވޭ،" ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރުގެ ވާހަކައިގައި މިއަހަރު ސަރުކާރުން ދެއްކި އެންމެ ބޮޑު ދަރަނިކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު ދެއްކުމަށް އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސުކޫކު އަދާކުރުމަށް މި ފަންޑުން 350 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ރިޒާވުން 175 މިލިޔަން ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާތަަނަށް ދަރަނިތައް އަދާކުރުމަށް 1.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ދަރަނިތަކަކީ އެކި ދުވަސްވަރު މަތިން ނަގާ މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ. އޭގެ ތެރޭގައި 2021ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެއެވެ.

ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.