ޔަމަނުގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ޔަަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް އިތުރުވެއްޖެއެވެ.
ޔަމަނުގެ ލަހީޖު ގަވަރުނޭޓުގެ އަލް-މަޤާޠިރާގައި މިހާރު ބަދަލުކުރަމުންދާ ވަރުގަދަ ހަމަލާތަކުގައި ބައިނަލްްއަޤްވާމީ ދުނިޔެއިން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށް ވަފާތެރި އަށް ސިފައިން ވަނީ މަރުވެފައެވެ. ތަޢިއްޒު ގަވަރުނޭޓުގެ އަލް-އަޤްރޫދުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ޙޫޘީންގެ 12 ހަނގުރާމަވެރިން މަރާލާފައިވެއެވެ. އެ ގަވަރުނޭޓުގެ އެހެން ސަރަޙައްދެއްގައި ސަރުކާރުގެ ފައުޖުތަކުން ވަނީ ޙޫޘީންގެ ވަރުގަދަ ހަމަލާތަކެއް ރޫޅާލައިފައެވެ. އޭގެ އިތުރުން އަލް-ވައްޒިޔާގައި ޙޫޘީންގެ ސަޕްލައި އުޅަނދެއް ވެސް ސުންނާފަތިކޮށްލާފައިވެއެވެ. ލާހިޖު ސަރަޙައްދީ ރޮނގު ކައިރީގައި، އަލް-މަދާރިބާގައި ހުރި ޙޫޘީންގެ މަޤާމުތަކަކަށް ވެސް ސަރުކާރަށް ވަފާތެރި ފައުޖުތަކުން ހަމަލާ ދީފައިވެއެވެ. އަލް-ޖައުފްއާއި މައުރިބުަގައި ވެސް ސަރުކާރުގެ ފައުޖުތަކުން ދަނީ ކުރި ހޯދަމުންނެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރުގެ ޖުލައި މަހު ހޫޘީންނާއި ސަރުކާރާ ދެމެދު އަލުން ހަނގުރާމަ ފެށުމާ ގުޅިގެން ޔަމަނުގެ އިންސާނީ ޙާލަތާއި ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އދގެ ހިޖުރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ 233،000އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން 121،000 މީހުންނަކީ ތަޢިއްޒު ސަރަޙައްދުގައި ދިރިއުޅުނު މީހުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ތަޢިއްޒު ސިޓީގެ ޙާލަތު ގޯސްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެ ސިޓީގެ 12 ހަސްފަތާލުގައި މިހާރު ތެޔޮ ހުރީ އެންމެ ހަތަރު ދުވަހަށް ވާ ވަރަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އެ ހަސްފަތާލުތަކުގައި ސާޖަރީތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ވެސް ނެތް ކަމަށާއި، އެ ސަހަރުގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެމުންދާ މި ދަނޑިވަޅުގައި އޮކްސިޖަންއާއި ބޭހުގެ ދަތިކަން ވެސް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ހަމަލާ ބަދަލުކުރަމުންދާތީ ޔަމަނުގެ ގިނަ ޢަދަދެއްގެ މީހުން ދަނީ އިރުމަތީ އެފްރިކާއަށް ހިޖުރަކުރަމުންނެވެ. އދގެ ރެފިއުޖީންނާ ބެހޭ އިދާރާ، ޔޫންއެޗްސީއާރުން ބުނީ ޔަމަނުން 4،000އަށްވުރެ ގިނަ މީހުން އިރުމަތީ އެފްރިކާއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 3،800 މީހުން ޖިބޫޓީއަށް ގޮސްފައިވާއިރު، 200އެއްހާ މީހުން ސޮމާލިއާއަށް ފޯރާފައިވެއެވެ. ޖިބޫޓީގެ މަރްކަޒީ ކޭމްޕުގައި ވެސް މިހާރު ކޮލެރާ ފެތުރަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އެ ގޮތުން 31 މީހުންނަށް އެ ބަލި ޖެހިފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.