ޗައިނާގައި ކުރިއަށްދިޔަ ވޫހާން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 16 ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ މާޔާ ޗުވަލިންސްކާ ކާމިޔާބު ކޮށްފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ޗުވަލިންސްކާ ހޯދީ ފައިނަލްގައި އިނގިރޭސިވިލާތުގެ ސޮނޭ ކާޓަލް އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި މޮޅަށް ކުޅުނު ތަން ފެނިގެންދިޔައީ ކާޓަލްއެވެ. ފުރަތަަމަ ސެޓު ކާޓަލް ވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ދޭއް ހަޔަކުން ކާމިޔާބު ކޮށްފައެވެ. މިއަހަރު ބޭއްވި ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގެ ފައިނަލްގައި އެއް ކޮޅުން ވާދަކުރި ޗުވަލިންސްކާވަނީ ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ސެޓުގައި އޭނާގެ ކުޅުން ރަނގަޅު ކޮށްފައެވެ. ދެވަނަ ސެޓުގައި ޗުވަލިންސްކާވަނީ ކާޓަލް ދިގު ރެލީތަކަށް ގެންގޮސް ކާޓަލްގެ ސާރވް ބްރޭކް ކުރުމުގައި ކާމިޔާބު ހޯދާ ހައެއް ހަތަރަކުން ސެޓު ކާމިޔާބު ކޮށްފައެވެ. އަދި ތިންވަނަ ސެޓު ޗުވަލިންސްކާ ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދޭކުންނެވެ.
މިއީ ޗުވަލިންސްކާ ޑަބްލިޔުޓީއޭ ޓުއަރގައި ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ. އަދި މިއީ މިސީޒަންގެ ޓުއަރގައި އޭނާ ވާދަކުރި ދެ ވަނަ ފައިނަލެވެ. ކާޓަލްއަށް ބަލާއިރު މިއީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި 6 މަސް ދުވަހު ހުރުމަށްފަހު އެނބުރި އައިސް ކުޅުނު 3 ވަނަ މުބާރާތެވެ. އަދި ދުނިޔޭގައި 170 ވަނައަށް ރޭންކް ކުރެވިފައިވާ ކާޓަލް ވެފައިވަނީ ޑަބްލިޔުޓީއޭ ވަންތައުޒަންްޑްގެ މުބާރާތެއްގެ ފައިނަލްގައި މިހާތަނަށް ވާދަކުރި އެންމެ ދަށުން ރޭންކް ކުރެވިފައިވި ކުޅުންތެރިޔާއަށެވެ. އަދި މިމުބާރާތް ކާމިޔާބު ކުރެވުނު ނަމަ އޭނާ ވާނީ 2017 ވަނަ އަހަރަށްފަހު ޑަބްލިޔުޓީއޭ ވަންތައުޒަންްޑްގެ މުބާރާތެއް ކާމިޔާބު ކުރި އިނގިރޭސިވިލާތުގެ ފުރަތަމަ ކުޅުންތެރިޔާ އަަށެވެ.