އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026ގެ ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ ދެމެޗުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެއެވެ.
މުބާރާތުގައި ރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ފުރަތަމަ މެޗުގައި ނުކުތީ އިންޑިއާއާ ދެކޮޅަށެވެ.
ބޭގަމް ޚާލިދާ ޒިއާ -އައިއެޗްއެފް ނޭޝަންސް ޓްރޮފީގެ ނަމުގައި ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފުރަތަމަ ހާފުގައި ރާއްޖެއަށް ފުރަތަމަ ލަނޑު ކާމިޔާބު ކުރެވުނީވެސް އިންޑިއާއިން ހަތް ޕޮއިންޓު ހޯދި ފަހުންނެވެ.
މި ހާފު ނިމުނުއިރު އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް 18 ލަނޑުގެ ލީޑެއް ނަގާފައެވެ. މި ހާފު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ 2-20 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ އިންޑިއާ އިންނެވެ. އަދި އެ ޓީމުން ވަނީ މޮޅު ކުޅުން ދަމަހައްޓާ، ރާއްޖޭގެ މައްޗަށް 8-40 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެވެސް ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިވިއިރު، އިންޑިއާ މެޗަށްވުރެ މި މެޗުގައި ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ.
އެހެންނަމަވެސް މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ކުރީގައި އޮތީ ނޭޕާލެވެ. ރާއްޖެއިން ރަނގަޅު ފައިޓެއް ދިން މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 11-12 އިން ނޭޕާލް ކުރީގައި އޮވެގެންނެވެ.
އަދި މި މެޗުން ނޭޕާލް މޮޅުވީ ހަ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. މެޗުން ނޭޕާލް މޮޅުވީ 18-24 އިންނެވެ.
ރައުންޑް ރޮބިން އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު ބްރޮންޒް މެޑަލް މެޗެއް އަދި ފައިނަލް މެޗެއް ކުޅޭ މި މުބާރާތުގައި ރާއްޖެއަށް މިހާރު މިވަނީ ފައިނަލް މެޗުން ޖާގަ ނުލިބޭނެކަން ކަށަވަރުވެފައެވެ.
ރާއްޖެއިން ކުޅުނު ދެމެޗުން ވެސް ބަލިވެ ބްރޮންޒް މެޑަލް މެޗު ކުޅެން ޖެހުނުއިރު ކުޅުނު ދެ މެޗުން ވެސް މޮޅުވެ އިންޑިއާ ވަނީ ފައިނަލް މެޗުގެ ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލުގައި އިންޑިއާ ކުޅެންޖެހޭ ޓީމެއް އެނގޭނީ މިއަދު މި މުބާރާތުގައި ކުޅޭ މެޗުތަކަށްފަހުއެވެ.
މިއަދުގެ މެޗުތަކުގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު އިންޑިއާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.