އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެ ހިއްކިއިރު، ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިފައި ނެތުމުން އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އިންވެސްޓްމަންޓުތައް ނާންނަ ކަމަށާއި އެފަދަ އިންވެސްޓްމަންޓު އައީ މީހުން ދިރިއުޅެން ފަށައި، ބްރިޖު މަޝްރޫޢާއެކު ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންފުޅުވަނީ އެތަނުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ދިރިއުޅެވޭނެފަދަ ތަރައްގީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް ސިޔާސީ ބޭނުމުގައި ކަންކަން އޮޅުވާލުމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށްކަމަށެވެ. އެގޮތުން، 99 އަހަރަށް އެޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތެއްގައިވެސް ފައިިދާވާނީ ސަރުކާރަށްކަމަށެވެ. އެ މުއާމަލާތްތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެންއެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.