ޚަބަރު

ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް


  • ރަސްމާލޭގައި ދާއިމަށް އެއްވެސް ބަޔަކު ވަޒަންވެރިވެ ނުތިބޭނެ

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީ ކުރާ ސަރަޙައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ވިދާޅުވެފައެވެ.

ރަސްމާލޭގެ ތަރައްޤީއާއި ގުޅޭގޮތުން ދަ ޕަލްސް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދާއި ކައިރީގައި ބިދޭސީ އާބާދީއެއް އުފެދުމާއި ގުޅޭގޮތުން ދައްކާ ވާހަތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސާފުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީ ކުރާ ސަރަހައްދުގައި ހިންގާނީ ދިވެހިރާއްޖޭގައި ޤާނޫނު ކަމަށާއި އެތަނުގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ވިދާޅުވީ ބިދޭސީ އާބާދީއެއް އޮވެ އެ ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކަކީ، އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި މިހާރުވެސް ބިދޭސީން އުޅެމުންދާކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގައި އެއްވަގުތެއްގައި އަބަދުވެސް 2 ލައްކައެއްހައި ފަތުރުވެރިން ތިބޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަރާތްތަކަށްވެސް ދީނީ ކަންކަން ކުރުމުގެ ފުރުސަތު ނޯންނަކަން ފާހަގަކުރެއްވިއެވެ.

"ރިސޯޓުތަކުގައި ފަތުރުވެރިން ތިބޭ. އެތަންތަކު ނުހުރޭ އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް. މިސްކިތް ހުންނަނީ. ރަސްމާލޭގައިވެސް މިސްކިތް ހުންނާނީ. ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތުގެ އާބާދީއަށް ބެލިކަމުގައިވިއަސް، މިއީ އަދި މާބޮޑު އާބާދީއެއް އެކިކަންކަމުގައި އުޅޭ. އެންމެ ބޮޑު އާބާދީއެއް އުޅެނީ މާލެ ސަރަހައްދުގައި. ލައްކައެއް ދެ ލައްކައެއްހާ ބިދޭސީން އެބައުޅޭ މާލޭ ސަރަހައްދުގައި، މިކަމަށް ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން ރިއާޔަތް ނުކުރޭ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަހައްދުގައި ދާއިމަށް ބޭރު ބަޔަކު ވަޒަންވެރިވާނެ ކަމަށް ދެކެވޭ ވާހަކަތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން އެތަނުގައި ވަޒަންވެރިވެ ކިޔަވައިދިނުމާއި އެހެން ދީންތަކުގެ ބިނާތައް ހެދުމުގެ ފުރުސަތު ދޭނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިއީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކަތަކެއް ނޫންކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

"ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކުން އަދި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނެ. އެތަންތަނުގައި އެފަރާތްތަކުގެ ދީނީ އެއްވެސް ކަހަލަ ކަމަކަށް ފުރުސަތު ނޯންނާނެ. އެތާކު ނުހުންނާނެ ސްކޫލެއްވެސް. މިވެސް ދައްކާވާހަކައެއް. އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ މަރުކަޒެއް. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން ދިވެހި ރައްޔިތުކަން އެއްވެސް ފަރާތަކަށް ނުލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަޤީންކަން ދެއްވާފައެވެ. އަދި މިމަޝްރޫޢުގެ ތެރެއިން ހުރި ކަންކަން ތަންފީޒު ކުރުމުގައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރުގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢުއަކީ، 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.