ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ފުޓުބޯޅައަށް އޮތް ފޯރި ފެނުން ކަމަށާއި، އެދެނީ އެ ފޯރި އަލުން އިޔާދަކުރެވި، ސަޕޯޓަރުން ދަނޑަށް ވަންނަ މަންޒަރު ފެންނަންކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފިއެވެ.
ދިވެހި ލީގުގެ މެޗް ވީކް 5ގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރުޗާ ބުނީ، އޭޝިއާ ބައްރުގެ ހުރިހާ ގައުމެއްގެ ފުޓުބޯޅަ ލީގުގައި ވެސް އެންމެބޮޑު ތަފާތެއް ދައްކަނީ ބިދޭސީ ކުޅުންތެރިން ކަމަށާއި، ރާއްޖޭގައި ވެސް އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ރާއްޖެ އަންނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރު މަތިވަމުންދާކަން ފާހަގަކޮށް ޓްރުޗާ ބުނީ، ބިދޭސީ ކުޅުންތެރިންނާމެދު ކުލަބުތަކުން ގެންގުޅޭ އުއްމީދުތައް ވެސް މަތިވަމުންދާ ކަމަށާއި، މިއާއިއެކު ދިވެހި ފުޓުބޯޅައިގެ ފެންވަރުވެސް މަތިވަމުންދާ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ޓްރުޗާ ދެއްކީ، ދިވެހި ލީގުގެ މެޗްވީކް 4 ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު އެއްވަރުވި މެޗެވެ. އެއީ ބަލާހިތުން ބަލާލެވުނު، "ހައި އިންޓެންސިޓީ" މެޗެއްކަމަށް ޓްރުޗާ ބުނެފައިވެއެވެ. އަދި އެހެން ޓީމުތަކުން ކުޅޭ މެޗުތައް ވެސް ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވަމުންދާކަމަށް އޭނާ ބުންޏެވެ.
ކަން މިހެން އޮތްއިރު، ޓީމުތަކަށް ހިތްވަރުދީ ސަޕޯޓުރުކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އަންނަން ބޭނުންވާކަމަށް ޓްރުޗާ ބުންޏެވެ. ރާއްޖޭގައި ފުޓުބޯޅައަށް އިހު އޮތް ފޯރި، ވީޑިއޯތަކުން ފެނުނު ކަމަށާއި، އެކަން އަލުން ފެންނަން ބޭނުންވާކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
"އަހަރެން ބޭނުން ވީހާވެސް ގިނައިން ސަޕޯޓަރުން ދަނޑަށް އަންނަން. އަހަންނަކަށް ނޭނގެ އެކަން ކުރާނީ ކިހިނެއްކަމެއް. އަހަރެން ދެކުނިން މީގެކުރިން ރާއްޖޭގައި ފުޓުބޯޅައަށް އޮތް ފޯރި. ދަނޑަށް މީހުން ވަދެތިބި މިންވަރު. އެ މަންޒަރު އަލުން ދެކެން ބޭނުން. ސަބަބަކީ ސަޕޯޓަރުންނާ ނުލައި ފުޓުބޯޅަ މެޗުތައް ކުޅޭ މަންޒަރު ފެނުނީމަ ސިފަވަނި ކޮވިޑުގެ ދުވަސްތައް. ހަމައެކަނި މެޗު އޮފިޝަލުންނާއި ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މެޗުތަކަށް އައިސްތިބި ދުވަސްތައް". ދަނޑުގައި ސަޕޯޓަރުން މަދުވުމުގެ ކަންބޮޑުވުން ފާޅުކޮށް ޓްރުޗާ ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އޮތް ފުޓުބޯޅަ ފޯރި މަޑުމަޑުން ފަނޑުވަމުން އައިސް، އެފްއޭއެމްގެ ޒައާމަތާ ހަވާލުވި ބައެއް ފަރާތްތަކުން ވީ އިހުމާލާއި ހިޔާނާތުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ އޮތީ ނުހަނު ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.
އެހެންނަމަވެސް އެފްއޭއެމްގެ ޒައާމަތާ އަޙްމަދު ޠާރިޤް ހަވާލުވެ އެކުލަވާލި އައު ލީޑިން ޓީމާއެކު، މި ކުޅިވަރު އަލުން އޭގެ އަސްލު މަގާމަށް ގެންދިއުމަށް އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިއާއެކު، ފާއިތުވީ 8 ވަރަކަށް އަހަރުތެރޭ ދަނޑަށް ސަޕޯޓަރުން ނުވަންނަ މިންވަރަށް މިހާރު ސަޕޯޓަރުން ދަނޑަށް ވަންނަ މަންޒަރު ފެނެއެވެ.