މާލެ ސަަރަހައްދަށް ބޯކޮށް ވާރޭ ވެހި 33 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮޓޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން 33 ގެއެއްގެ އިތުރުން ސަރުކާރުގެ 5 އިމާރާތަކާއި 4 ސްކޫލު ، ކޮންސްޓރަކްޝަން ސައިޓަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި 6 ކެފޭއާއި 2 ކްލިނިކް، 4 ސްކޫލު، 2 ގުދަން އަދި 1 އޮފީސް އިމާރާތަށް ފެން ވަދެގެން ރިޕޯޓުކުރި ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެ އޮތޯރިޓީއިން ވިދާޅުވި ގޮތުގައި ނަޖިސް ލީކުވެގެންވެސް ރިޕޯޓުކޮކުރި ކަމަށެވެ. ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި މާލޭގެ 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވެފައިވެއެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް، ދިވެހި ފުލުހުންގެ ހިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން މަސައްކަތް ކުރި ކަމަަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. މެޓް އޮފީހުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގއ. ގެމަނަފުއްޓަށް އެއީ 101.8 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ގިނަ އިން ވާރޭ ވެހިފައިވަނީ މާލެ އަށެވެ. އެއީ 90 މިލިމީޓަރުގެ ވާރޭއެވެ.