ޚަބަރު

އައްޑޫގައި ޑީވީ ޝެލްޓަރ ޤާއިމުކޮށް އަންނަ އަހަރު ޚިދުމަތް ދެނީ


  • ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރ ޤާއިމުކުރުމަކީ އަމާޒެއް

  • ގެވެށި އަނިޔާއާ ގުޅުންހުރި 711 މައްސަލަ ހުށަހަޅާފައިވޭ

އައްޑޫގައި ޤާއިމްކުރާ ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ނިންމާ ޚިދުމަތް ދޭން ފަށާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވިދާޅުވީ، ގެވެށި އަނިޔާއާ ގުޅިގެން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމަކީ ވުޒާރާގެ އެންމެ އިސް އެއް މަސައްކަތްކަމަށެވެ.

އެގޮތުން ރާއްޖޭގެ 3 ސަރަހައްދުގައި ޑޮމެސްޓިކް ޝެލްޓަރުތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގައި ޤާއިމްކުރާ ޑީވީ ޝެލްޓަރުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދަނީ ކުރަމުންނެވެ. އޭޑީބީއާ ގުޅިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން ހުޅުމާލެއާއި އުނގޫފާރުގައިވެސް ޑީވީ ޝެލްޓަރު ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަންހެނުން ބާރުވެރިކުރުވުމަށް އެ ވުޒާރާގެ އިސްނެގުމާއެކު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

"މިންތީގެ ނަޒަރަކުން ކަންކަން ބަލާ، މިންތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދެން. އަންހެނުންނަށް ކުރާ އަނިޔާއާއި ގުޅުން ހުރި ދިރާސާއެއްގެ މަސައްކަތްވެސް ކުރިއަށް އެބަ ގެންދަން. އިޖުތިމާއީ ޚިދުމަތްތައް ދިނުމުގެ ޤާބިލްކަން އިތުރުކުރަންވެސް އެބަ މަސައްކަތްކުރަން." ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އެހީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާން ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ތަފާތު އެކި ޕްރޮގްރާމްތައް މިދިޔަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.

އިބަމައަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ޤާއިމްކޮށްދިނުމަށް ކައިރިން ޚިދުމަތް ފޯރުކޮށްދެވޭ ނިޒާމެއްކަމަށާ އޭގެ ނަތީޖާ ރަނގަޅުކަމަށް ޒީނާޒް ވިދާޅުވިއެވެ.

"ކައިރިން ކަންކަން ބެލުމަށް މަގުފަހިވާ އެއް މަގު މިއީ. އެފަދަ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެން." ސްޓޭޓް މިނިސްޓަރ ޒީނާޒް ވިދާޅުވިއެވެ.

ކޮމިޓީގައި އެ ވުޒާރާއިން ވަނީ ނިމިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ އެކި އަތޮޅުތަކުން 18 އަހަރުން ދަށުގެ ކުދިންނާ ގުޅުންހުރި 1800އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހިމެނޭ އިރު އެންމެ ގިނައީ އަންހެން ކުދިންނަށް ކުރާ އެކި ހާނިކައާ ގުޅޭ މައްސަލަތަކެވެ. އަންހެން ކުދިންނަށްކުރާ ހާނިކައާ ގުޅުން ހުރި 961 މައްސަލަ އަދި ފިރިހެން ކުދިންނާ ގުޅުން ހުރި 904 މައްސަލަ ހުށަހަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ، ގެވެށި އަނިޔާއާ ގުޅުންހުރި 711 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅުން ހުރި 548 މައްސަލަ، އަދި ފިރިހެނުންނާ ގުޅުންހުރި 163 މައްސަަލަނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ދިވެހި އާއިލާތަކާ ހަވާލުކުރުމަށް ހިންގާ ކޮންމެ ކުއްޖަކަށް އާއިލާ ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު 14 ކުއްޖަކަށް ފޮސްޓަރ އާއިލާ ހޯދާދެވިފައިވާކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އަދި 22 ކުދިންނަށް އާއިލާއަށް ރުޖޫއަވުމުގެ ފުރުސަތު ހޯދައިދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.