ޚަބަރު

އިންޑިއާގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި މިއަދު ހެނދުނު ހިނގި ރޭލް އެކްސިޑެންޓްގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އުއްތަރު ޕްރަދޭޝްގައި މިއަދު ހެނދުނު ރޭލެއް ޓްރެކުން ކައްސާލުމުގެ ސަބަބުން ހިންގި މި އެކްސިޑެންޓްގައި 90 މީހުން މަރުވެ، 150 މީހުން ޒަޚަމްވެފައިވެއެވެ. މިރޭލް ދަތުރުކުރަމުން ދިޔައީ ޕަތުނާއިން ލާހޫރަށެވެ. މި ރެއިލްގެ 14 ބައި ވަނީ ޓްރެކުން ކައްސާލައި ބަންޑުންޖަހާލާފައެވެ.

މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ މީހުން ބުނާގޮތުގައި މިޙާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް އަރާނެކަމަށް ލަފާކުރެވެއެވެ. ފުލުހުން ބުނާގޮތުގައި ކައްސާލާފައިވާ ރެއިލްގެ ކޮންޕާޓްމަންޓްތަކުގެ ދަށުގައި ވިއްސަކަށް މީހުން ތާށިވެފައިވާކަމަށް ބެލެވެއެވެ.

މިއީ މިއަހަރު އިންޑިއާގައި ކުރިމަތިވި އެންމެ ބޮޑު ރޭލް އެކްސިޑެންޓެވެ. އިންޑިއާގެ ރެއިލްވޭއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ރޭލްވޭއެވެ. ދުވާލަކު ވިހިމިލިއަން މީހުން މިރެއިލުން އެކި ތަންތަނަށް ދަތުރުކުރެއެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި މިއަދު ހިނގި ރޭލް އެކްސިޑެންޓްގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި  މިޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.