މިއަހަރުގެ ސްކޫލު ބަންދާ ދިމާކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ ގޮތުން މެރިން ޕޮލިސް ޑިޕާޓްމަންޓުން އޮޕަރޭޝަނެއް ފަށްޓަވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ އިއްޔެއިން ފެށިގެން މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަވާ މި އޮޕަރޭޝަނަކީ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތައް ހުރީ ސަލަމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ބައްލަވައި ޗެކްކުރެއްވުމަށްޓަކައި ކުރިއަށްގެންދަވާ އޮޕަރޭޝަނެއްކަމަށެވެ.
މިގޮތުން މި އޮޕަރޭޝަނުގައި މީރު ބަހުރުވަ ބަނދަރުން ފުރާ ބޯޓު ފަހަރާއި އެބަނދަރުގައި އަޅާފައިވާ ބޯޓުތަކާއި ފެރީ ޓާމިނަލް ސަރަހައްދުން ފުރާ ފެރީތަކުގެ އިތުރުން ޓީ-ޖެޓީ ސަރަހައްދުން ފުރާ އުޅަނދުތަކާއި އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ޗެކްކުރައްވަމުން ދާނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
ޗެކްކުރުން ކުރިއަށްދާއިރު އޮޕަރޭޝަނުގައި ފުރާ އުޅަނދުފަހަރުގެ ބަރުމަރުކާއި ޕަސެންޖަރުންގެ އަދަދާއި، ބޯޓުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ވަސީލަތްތަކެއް ހަމައަށް ހުރިތޯ އާއި އެއްވެސް އިކުއިޕްމަންޓެއް ހަލާކުވެފައި ހުރިތޯ ބައްލަވާނޭކަމަށް ފުލުހުން ވިދާޅުވެއެވެ، އަދި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށާއި ފާހަގަ ކުރެވިފައިވާ ސަލާމަތީ ކަންތައްތައް ރަނގަޅު ކޮށްގެން ދުއްވުމަށް ޕޮލިހުން ނަޞޭޙަތްތެރިވެއެވެ.