ޚަބަރު

ތަރައްޤީ ޙާޞިލްކުރުމަށް އޮތް ގޮންޖެހުމަކީ މޫސުމީ ބަދަލުތައް


ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުދި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، އެކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝަންހާއީގައި ބޭއްވި، 9 ވަނަ "ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަން" ގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް ދެއްވި ބަޔާނުގައި، ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި، ރަށްގިރުމާއި އުދައެރުންފަދަ މައްސަލަތަކާއި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ވޭތުވެދިޔަ އަހަރުތަކުގައި ހަމަޖެހިފައިނެތުމަކީ އެކި ބަލިތައް ފެތުރި އާއްމު ސިއްޙަތު ރައްކާތެރި ކުރުމަށް އެޅޭ ހުރަހެއް ކަމުގައިވި ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި، ނަމަވެސް ވަޞީލަތްތައް މަދުވެފައި، ރަށްރަށް އޮންނަގޮތުން އެކަންކަން ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ބަޔާނުގައި ވަނީ، ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ތިމާވެށީގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަކުރުމަށް ފަރުދީގޮތުންނާއި ޖަމާޢަތުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައިވެއެވެ. އަދި މިގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް މިނިސްޓަރުގެ ބަޔާނުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ގައިންގަޔަށް އަރާ ގިނަ ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާއިރު، އޭގެ ތެރެއިން މެލޭރިއާ ފަދަ ބައެއް ބަލިތައް ރާއްޖެއިން މުޅިން ނައްތާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފެރެންސްގެ ތެރެއިން އެކުލަވާލި ޝަންހާއީ ޑެކްލެރޭޝަން އޮފް ހެލްތު ޕްރޮމޯޝަންގައި މިނިސްޓަރ ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަކީ، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމާއި، ޞިއްޙަތަށް ފައިދާ ނުކުރާ ކަންކަމާއި ގުޅުންހުރި ޤަވާއިދުތައް އެކުލަވާލުމަށް ވެވުނު އެއްބަސްވުމެކެވެ.

ޗައިނާގެ ޝަންހައީގައި މިމަހުގެ 21 ން 24 ށް ބޭއްވި، 9 ވަނަ "ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަން"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި ކޮންފަރެންސަކީ ،ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ހެކި ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާއި ބެހޭ ގޮތުން މެމްބަރު ޤައުމުތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދީ، އަދި ޢަމަލީ ގޮތުން އެކަންތައް ދަސްކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އެއްހާހަށްވުރެ ގިނަ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވީއިރު، އޭގެތެރޭގައި 40 އަށްވުރެ ގިނަ ހެލްތު މިނިސްޓަރުންނާއި، ޞިއްޙީ ދާއިރާ އާއި ގުޅުންހުރި އެކި ދާއިރާތަކުން އެކިފަންތީގެ ތަޖުރިބާކާރުންނާއި މާހިރުން ބައިވެރިވިއެވެ. މި ކޮންފެރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، 2030 ގައި ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ޢަމަލީ ގޮތުން މަސައްކަތްކުރާނެ ގޮތް މެމްބަރު ޤައުމުތަކަށް ދަސްކޮށްދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ހަމައެއާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި މުޖުތަމަޢުގައި ހުރި ޞިއްޙަތާއި ގުޅުން ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި ވަކިވަކި ފަރުދުންނާއި، މުޖުތަމައު، އަދި ސަރުކާރުތައް ބާރުވެރިކުރުވުމާއި، ޞިއްޙީ ދާއިރާ އާއި ބެހޭ ގޮތުން އެއްޤައުމާއި އަނެއް ޤައުމުގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރުން ހިމެނެއެވެ.