ޚަބަރު

ގއ.ވިލިނގިލީގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ބާއްވަނީ


ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ ގއ.ވިލިނގިލީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ގއ.ވިލިނގިލީ ފުޓްބޯޅަ ދަނޑުގައިކަމަށެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް މާދަމާގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކަށްފަހު ދެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.