ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 2 ބިލެއް ތަޞްދީޤު ކުރައްވައިފި


ލޯކަލް ކައުންސިލުތަކުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަސްދީޤުކުރެއްވި ދެ ބިލަކީ، ލޯކަލް ކައުންސިލުތަކުގެ ޤާނޫނަށް 3 ވަނަ އިޞްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނެވެ. 

މި ނޮވެންބަރު މަހުގެ 22 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ ގޮތުން ކައުންސިލަކަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް ބަލާނީ ބާޠިލު ވޯޓު ކަރުދާހެއްގޮތުގައެވެ. ނަމަވެސް، ކައުންސިލަކަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ޞައްޙަ ވޯޓު ކަރުދާހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލާނެއެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި އިންތިޚާބުކުރަންޖެހޭ ކެންޑިޑޭޓުންގެ ޢަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ޞައްޙަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.

img:http://s3.psmnews.mv/images/660x400/5555.jpg|މާލޭގެ ބަނދަރު ސަރަހައްދުގައި ބައެއް އުޅަނދުތައް - ފައިލް ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގައި ބަނދަރުކުލި ނެގުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރުން އަންނަ ކޮންމެ އުޅަނދަކުން ބަނދަރަށް ވަނުމުގެ ކުލި، އަދި ބަނދަރުގައި އޮތުމުގެ ކުއްޔަށް ބަދަލު ގެނައުމާބެހޭ އިޞްލާޙެކެވެ. އަދި، މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކުލި އެ ކުއްޔެއް ދައްކަން ޖެހޭތާ 3 މަސްދުވަސް ހަމަވުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދައްކަން ޖެހޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގެ ބަނދަރަކުން ފުރައިގެންދާ ކޮންމެ އުޅަނދެއްވެސް ފުރައިގެން ދިޔުމުގެ ކުރިން މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކުއްޔެއްވާނަމަ އެ ކުއްޔެއް ދައްކައި ނިންމަންވެސް ޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެ ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ދެ ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.