މޯލްޑިވްސް އިމިގްރޭޝަންއަށް ބޭނުންވާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާ ތައްޔާރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމް.އެން.ޔޫއާއި މޯލްޑިވްސް އިމިގްރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގެވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުވައިދެއްވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގެވުމަށް އެ އިދާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމް.އެން.ޔޫއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމްތަކުގެ މޮޑިއުލްތައް ފަރުމާ ކުރެއްވުމަށް އެމް.އެން.ޔޫއިން ގެންދަވަނީ މަސައްކަތް ކުރަވަމުންނެވެ.
މިކަމާއިބެހޭ ފަހުމްނާމާގައި ސޮއިކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލަރ ޙާމިދު ފަތުހުﷲ ވިދާޅުވީ، އެކި ސަބަބުތަކާއި ހުރެ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ނުލިބި ތިބި އެ އިދާރާގެ މުވައްޒަފުންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ފަރުމާ ކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި، މިކަމުގައި ޔުނިވަރސިޓީގެ ގިނަ ފެކަލްޓީތަކަކުން ބައިވެރިވާކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެ އިދާރާއި އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއްވައެވެ.