ޚަބަރު

ކ.ހުރާގައި ފުލުހުންގެ ޚިދުމަތް ފަށައިފި


ކ. ހުރާގައި ޕޮލިސް ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް އެރަށުގައި ފަށައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ހެނދުނު ހުރާ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ހުރާގައި ޤާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުލުހުންގެ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ހުރައަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުންދާ ރަށަކަށްވުމާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިޔުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބި އެންމެ އެދެވޭ ޚިދުމަތެއް ނުދެވޭނެކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ނޯތު އޮޕަރޭޝަންސް ކޮމާންޑްގެ ވެރިންނާއި ކ. ހުރާ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންގެ އިތުރުން ހުރާގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.