ޚަބަރު

ޤައުމުގެ ކުރިއެރުމަށް ހަރުދަނާ ލީޑަރޝިޕެއް މުހިއްމު- ޖިހާދު


ޤައުމުގެ ކުރިއެރުމަށް އެންމެ މުހިންމީ ޤައުމުގައި ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަން ޤާއިމުވެފައި އޮތުމާއި، ހަރުދަނާ ލީޑަރޝިޕެއް ޤައިމުވެފައި އޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަހުގެ މުނާސަބަތުގައި ގއ ވިލިނގިލީގައި ސަރުކާރުން ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވޭތުވެދިޔަ 3 އަހަރުގެތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރާއްޖޭގައި ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަން ޤާއިމުކުރެއްވުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ތަރައްޤީގެ މަގުގައި ރާއްޖެއިން ހޯދަމުން އައި ކުރިއެރުންތައް ހުއްޓުމަކަށް އައީ ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮތް އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ނެތިދިޔަ ހިސާބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ޞުލްޙަވެރިކަން ނެތިދިޔަ ޤައުމުތައް ތަރައްޤީގެ ދާއިރާގައި އެންމެ ދަށަށް ވެއްޓިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރާއްޖޭގައި ޞުލްޙަވެރިކަމާއި އަމަންއަމާންކަން ޤާއިމުކުރެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތިން އަހަރުގެ ތެރޭގައި ހޯއްދެވި ކާމިޔާބީގެ އަސްލަކީ ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރެވިފައި އޮތުމާއި، ރައީސް ޔާމީންގެ ލީޑަރޝިޕްގެ ހަރުދަނާކަން ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14804942915406.jpg|ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން

"ޤައުމެއް ކުރިއަރާދާނީ އެޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެ އޮވެގެން. ހަރުދަނާ ލީޑަރޝިޕެއް އޮވެގެން. މާޒީގައި ތަރައްޤީގެ މަތިވެރި ބައެއް ޤައުމުތައް މިއަދު އެވަނީ ފަނުފުލަށް ވެއްޓިފައި. ސަބަބަކީ އެތެރޭގެ ހަނގުރާމަ ނުވަތަ ހަރުދަނާ ލީޑަރޝިޕެއް ނެތުން." ޖިހާދު ވިދާޅުވިއެވެ. 

ޤައުމީ ދުވަހުގެ ބަޠަލު ކަމުގައިވާ ބޮޑުތަކުރުފާނުގެ ޖިހާދަކީ އަމިއްލަ އެދުމެއް ނެތި ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ލާމަސީލު މިސާލެއްކަމަށާއި، އެމަނިކުފާނުގެ ޖިހާދަށް ފަނޑުވުމެއްނެތްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދު ދިވެހިޤައުމުގެ ލީޑަރޝިޕްގައި ހުންނެވި ރައީސް ޔާމީނަކީވެސް އަމިއްލަ ފުރާނަފުޅައްވުރެ ޤައުމުގެ މަސްލަހަތު އިސްކުރައްވާ ޤައުމީ ބަޠަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްގޮސްގައިވަނީ ހީވެސް ނުކުރާފަދަ ބާރު ދުވެއްޔެއްގައި. މިއަދުގެ ޒައީމު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދުރުވިސްނުންފުޅުގައި އެންމެ އިސްކަންދެއްވީ ސުލްޙަޔަށް، ޤައުމުގެ އަމަން އަމާންކަމަށް. އެއީ މިޤައުމުގެ އެންމެ މާތް ބަޠަލުންގެ ޖިހާދުގައިވެސް އެންމެ އިސްކަން ދެއްވާފައިވާ ކަންތައްތައް." ޖިހާދު ވިދާޅުވިއެވެ. 

ބައިބައިވުންތަކާއި ދެބަސްވުންތަކުން ދިވެހިޤައުމަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި، ޤައުމީ ދުވަހެއް ފާހަގަކުރަމުންދާއިރު އެންމެހައި ރައްޔިތުން ޢަޒުމް ކަނޑައަޅަންވީ އެއްބައިވަންތަކަން އާލާކޮށް ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި ތަރައްޤީގެ ހަރުފަތްތަކަށް ވާޞިލުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.