ތަރައްްޤީ

މެކޭނިކަލް ޕާކިންގ ސިސްޓަމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް


މާލެއަށް ދިމާވެފައިވާ ވެހިކަލް ޕާކުކުރުމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ޚާއްޞަ މަޝްރޫޢެއް ހިންގަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ހައުސިންގ މިނިސްޓްރީން އެސް.ޓި.އޯއާ ޙަވާލުކުރައްވައިގެން މާލެގައި 20 ޕާރކިންގ ސިސްޓަމް ޤާއިމުކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

މާލޭގައި ބެހެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާކިންގ ސިސްޓަމްތަކުގެ ތެރެއިން ފުރަތަމަ ބެހެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކާރު ޕާކް ކުރުމަށް ޚާއްޞަ ޕާކިނގް ސިސްޓަމެކެވެ. މި ޕާރކިންގ ސިސްޓަމް މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި ވެލާނޭގޭ ކައިރީގައި ދަނީ މި ޕާރކިންގ ސިސްޓަމް ބެހެއްޓުމަށްޓަކައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ. ފައުންޑޭޝަންގެ މަސައްކަތް ނިމުމުން އޭގެ ޚިދުމަތް ޢާމުންނަށް ލިބިގެންދާނެއެވެ. ހައުސިންގ މިނސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސައިކަލަށް ޚާއްޞަ ޕާރކިންގ ސިސްޓަމްތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާލެ ގެނެވޭނެކަމަށެވެ.

"އިތުރު 9 ތަނެއްގައި ކާރ ޕާރކިންގ ސިސްޓަމް ބެހެއްޓުމަށްޓަކައި ފާހަގަކޮށްފައިވާނެކަމަށް. ވަރަށް އަވަހަކަށް ކަރާއި ސައިކަލް ޕާރކިންގ ސިސްޓަމް ބޭބުން ކުރާނެ އުސޫލްތައް ގެޒެޓް ކުރާނެ. މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މިސިސްޓަމްތައް ބޭނުން ކުރެވޭނެ އުސޫލްތައް ހަމަޖެއްސުން" ހައުސިންގ މިނސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި ޕާރކިންގ ބިލްޑިންގ އެޅުއްވުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި ޕާރކިންގ ބިލްޑިންގ އެޅުއްވުމަށްޓަކައި ޓެންޑަރ ކުރެއްވުމަށް ޓެންޑަރ ބޯޑަށް ވަރަށް އަވަހަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި ބަހައްޓަވާ ޕާކިނގް ސިސްޓަމްތަކުގެ ތެރޭގައި ސައިކަލަށް ޚާއްޞަ 10 ޕާރކިންގ ސިސްޓަމާއި ކާރަށް ޚާއްޞަ 10 ޕާރކިންގ ސިސްޓަމް ހިމެނެއެވެ. ވެލާނާގެ ކައިރީގައި މާލޭގައި ބަހައްޓަވަ ފުރަތަމަ ޕާކިންގ ސިސްޓަމް ބެހެއްޓެވުމަށްޓަކައި މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

2017 ގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 20 ޕާރކިންގ ސިސްޓަމް ބަހައްޓައި ނިމި އޭގެ ހިދުމަތް ލިބިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕާރކިން ސިސްޓަމް ބަހައްޓައި ނިމި ބޭނުން ކުރަން ފެށުމުން މިހާރު މާލެއަށް ދިމާވެފައިވާ ޕާރކިންގ މައްސަލައަށް ކޮންވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.