ދާދިފަހުން އިރާޤުގެ ސިފައިން އައިއެސްގެ އަތްދަށުން ސަލާމަތްކުރި އިރާޤުގެ މޫސަލްގެ ސަރަޙައްދެއްގެ ރައްޔިތުންނަށް ބޯފެނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހައްދުފަހަނައަޅާފައިވާ އައިއެސް ހަނގުރާމަވެރިންގެ އަތްދަށުން އިރާޤުގެ ސިފައިން ސަލާމަތްކޮށްފައިވާ މި ސަރަޙައްދުގެ ރައްޔިތުންނަށް ގެނައި ކާބޯތަކެއްޗާއި އެހެނިހެން އެހީ އިރާޤުގެ އެލީޓް ކައުންޓަރ ޓެރަރިޒަމް ސާރވިސްއިން ވަނީ އެ ސަރަޙައްދުގެ އާއްމުންނަށް ފޯރުކޮށްދީފައެވެ. ނޮވެމްބަރު މަސް ނިމުނު ހިސާބުގައި މޫސުލްއަށް ފެން ފޯރުވައިދޭ މައި ހޮޅިއެއް ހަލާކުވުމުގެ ސަބަބުން އެރަށުގެ ބޮޑު ސަރަޙައްދަކުން ފެނުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.
ފެންހޮޅި ފަޅައިގެންގޮސްފައި ވަނީ ޢިރާޤުގެ ސަރުކާރާއި ޙައްދުފަހަނައަޅާފައިވާ އައިއެސް ހަނގުރާމަވެރިން ބަދަލުކުރަމުންދާ ޙަމަލާތަކުގައި ތެރޭގައި ކަމަށް އޮފިޝަލުން ބުނެއެވެ. މޫސަލްގެ ނިވަނަހް ޕްރޮވިންސްގެ އޮފިޝަލެއް ވިދާޅުވީ ފަޅައިގެންގޮސްފައިވާ ފެންހޮޅި ހެދުމަށް އެ ސަރަޙައްދަށް މަރާމާތު ކުރާ ޓީމުތަކަށް ނުދެވިގެން އުޅެނީ އެ ސަރަޙައްދުގައި ޙަމަލާތައް ބަދަލުކުރަމުންދާތީ ކަމަށެވެ.
ފެންހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން މޫސަލްގެ 15 ޕްރޮވިންސެއްގައި ފެނުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ. މި ސަރަޙައްދުތަކުގެ އޮފިޝަލުން ބުނީ މިކަމުގެ ސަބަބުން ހަސަތޭކަ ފަންސާސް ހާހަށްވުރެ ގިނަ ޢާންމުން ފެނަށް ޖެހިފައިވާ ކަމަށާ، އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
ޢިރާޤުގެ ސަރުކާރުން ދަނީ މި ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޓްރަކްތަކުގައި ފެން ފޮނުވަން ފަށާފައެވެ. ނަމަވެސް މި ފެން ފޯރުކޮށްދެވެމުން ދަނީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް ކަމަށް އޮފިޝަލުން ބުނެއެވެ. މޫސަލްގައި ކުރިޔަށްދާ ހަނގުރާމައިގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި ފެނާ ކާބޯތަކެތި ހުސްވެ ކަރަންޓާއި އެހެނިހެން އަސާސީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މޫސަލްއަކީ 1.5 މިލިއަން މީހުން ދިރިއުޅެމުންދާ ސަރަޙައްދެކެވެ.
ޔުނިސެފުން ބުނީ ފަޅައިގެންދިޔަ ފެންހޮޅިއަކީ އިރުމަތީ މޫސަލްއަށް މައި 3 ސްޓޭޝަނަކަށް ފެން ފޯރުކޮށްދޭ ހޮޅިއެއް ކަމަށެވެ. އދ އިން ބުނީ އިރާޤުގެ އޮފިޝަލުން މޫސަލްގެ ފެންކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ފެނުގެ ޝިޕްމަންޓުން ނުފުދޭނެ ކަމަށެވެ.