ޚަބަރު

ނޭޝަނަލް ހިއުމަންރައިޓްސް ފްރޭމްވަރކް އިފްތިތާހު ކުރައްވައިފި


ނޭޝަނަލް ހިއުމަންރައިޓްސް ފްރޭމްވަރކް އިފްތިތާހު ކުރައްވައިފިއެވެ. މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފްރޭމްވަރކް އިފްތިތާހް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ނޭޝަނަލް ހިއުމަންރައިޓްސް ފްރޭމްވަރކް އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއަރުވައި އަދި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްއޮތް 5 އަހަރު ދުވަހަށް އަމާޒުކޮށްގެން ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ދަތުރުކުރާނެ މަގުޗާޓެއް ނުވަތަ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަޤްޞަދުގައެވެ.

ކުރިއަށްއޮތްތަނުގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ރާއްޖޭގައި ނިންމާ ނިންމުންތައް ބިނާވެގެންދާނީ މި ފްރޭމް ވަރކްގެ މައްޗަށެވެ.

މި ފްރޭމްވަރކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ބަންޑާރަނައިބް ދެއްކެވި ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތް ފެށިފައިވަނީ ދުނިޔޭގައި ހިނގާދިޔަ ލާއިންސާނީ އެތައް އަމަލުތަކަކަށްފަހުގައި ކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންސާނީ ހާލަތުގެ މީގެ ކުރީގައި އޮތް މިންވަރުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ބަންޑާރަ ނާއިބް އަނިލް ވިދާޅުވީ 1968ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަމުން ދިޔަ ޤާނޫނު އަސާސީގައި އިންސާނީ ހައްޤުތަކުގެ ވާހަކަ ލިޔެވިފައިވީ ނަމަވެސް އެކަމަށް މަސައްކަތް ކުރެވިފައިވާތަން ފެނިފައި ނުވާ ކަމަށެވެ. އަދި 1998ވަނަ އަހަރު ތަސްދީޤްކުރެވުނު ޤާނޫނު އަސާސީގައި އިންސާނީ ހައްޤުތަކާއި މިނިވަންކަން އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިނަމަވެސް، 1998ވަނަ އަހަރުގެ ޤާނޫނު އަސާސީގައިވެސް ހައްގުތައް އޮތީ ބަނދެވިފައި ކަމަށް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބް އަނިލްގެ ވާހަކަފުޅުގައި އިންސާނީ ހައްޤުގެ ވާހަކަ ރާއްޖޭގައި ދެކެވެން ފެށި ތާރީހަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބަންޑާރަ ނާއިބް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ވާހަކަ ރާއްޖޭގައި އެންމެ ފުރަތަމަ ދެކެވެން ފެށީ 2003ވަނަ އަހަރު މާފުށި ޖަލުގައި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު ކަމަށެވެ. އަދި އެ ދުވަސްވަރަކީ ރާއްޖޭއަށް ޑިމޮކްރަޓިކް އެތައް ބަދަލެއް އައި ދުވަސްވަރެއް ކަމަށާއި އެގޮތުގެ މަތިން އިންސާނީ ހައްގުތަކުގެ ވާހަކަ ދެކެވިގެން ދިޔަ ކަމަށް ބަންޑާރަ ނާއިބް އަނިލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނާއިބް އަނިލްގެ ވާހަކަ ފުޅުގައި މިއަދު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީއަކީ ހައްޤުތަކުގެ ވާހަކަ އެންމެ ބޮޑަށް ހިމަނާފައިވާ ޤާނޫނު އަސާސީ ކަން ފާހަގަކުރައްވާފައިވެއެވެ.