ތ. އަތޮޅު މަދަރުސާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ މަދަރުސާގައި އަޅާ 8 ކްލާސް ރޫމްގެ ދެ ބުރީގެ ޢިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް ތ. އަތޮޅު މަދަރުސާއިން ވިދާޅުވެއްޖެއެވެ. އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ތ. އަތޮޅު މަދަރުސާގައި މިހާރުވެސް 350 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޚާސިލްކުރަމުންގެންދެއެވެ.
ތ. ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާއަކީ 1985 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަ މަދަރުސާއެކެވެ. 31 އަހަރުވެފައިވާ މި މަދަރުސާގައި މިހާރު އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެމުންދެއެވެ. ގުރައިދޫގައި ތަރައްޤީގެ ރޮނގުން މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ އެއް މަސައްކަތަކީ، ތ. އަތޮޅު މަދަރުސާގައި އަލަށް އަޅާ 8 ކްލާސް ރޫމްގެ 2 ބުރީގެ އިމާރާތުގެ މަސައްކަތެވެ. އެ މަދަރުސާގައި ތަޢުލީމް ޚާސިލްކުރަމުންދާ ކުދިންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެތަނުގައި އަލަށް އިމާރާތްކުރާ 8 ކްލާސް ރޫމްއާއެކު، އެތަނަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ތ. އަތޮޅު މަދަރުސާއިން ވިދާޅުވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތ. އަތޮޅު މަދަރުސާގެ ލީޑިންގ ޓީޗަރެއްކަމުގައިވާ ޢަބްދުﷲ ނާފިޒް ވިދާޅުވީ، އެ މަދަރުސާގައި އަލަށް އިމާރާތްކުރާ ކްލާސް ރޫމްތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން 8 ކްލާސް ރޫމްގެ ތެރެއިން 4 ކްލާސް ރޫމެއްގެ މަސައްކަތް ނިމި، އެތަންތަން މިހާރު ބޭނުންކުރަމުންދާކަމަށާއި، އަނެއް 4 ކްލާސް ރޫމްގެ މަސައްކަތްވެސް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް ނާފިޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ތ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލެއް އިމާރާތްކުރުމަށް ހަދަންޖެހޭ ބިޑް އިވެލުއޭޝަންގެ މަސައްކަތް ނިންމާ، އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.
ތ. އަތޮޅު މަދަރުސާގެ އެކި ކަހަލަ މަރާމާތުކުރުމަށާއި، މަދަރުސާއަށް ބޭނުންވާ އެކިކަހަލަ ސާމާނުތައް ހޯދުމަށް މި އަހަރު އެކަނިވެސް 98،000 ރުފިޔާ ޚަރަދުވެފައިވާކަމަށް އެ މަދަރުސާއިން ވިދާޅުވެއެވެ.