އުރީދޫގެ 4ޖީގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 55 އިންސައްތައަށް ފޯރުކޮށްދެވިއްޖެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނީގެ ހެޑް އޮފް ސޭލްސް ޙުޞައިން ނިޔާޒް ވިދާޅުވީ، މުޅި ރާއްޖެއަށް ފޯޖީގެ ޚިދުމަތްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ސަބްމެރިން ކޭބަލް އަޅަމުންދާކަމަށާއި ބައެއް ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.
އުރީދޫން ބުނީ މާލޭ ސަރަޙައްދު ފިޔަވައި ރާއްޖޭގެ އިތުރު 40 ރަށަކަށް ފޯޖީ އިންޓަރނެޓްގެ ޚިދުމަތް މިހާރު ލިބޭނެކަމަށާއި އަންނަމަހު 15ގެ ކުރިން މުޅި ރާއްޖެއަށް 4ޖީގެ ޚިދުމަތް ދެވޭނެކަމަށެވެ. އަދި މާލެއަށް އެކުންފުނިން ދޭ ޚިދުމަތެއްކަމަށްވާ ސުޕަރނެޓްގެ ޚިދުމަތް އަތޮޅުތަކަށް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ނިޔާޒް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ސަބްމެރިން ކޭބަލް އަޅަމުން މިހާރު އެދަނީ.. ޓެސްޓް ކުރަމުން އެދަނީ.. ޓެސްޓް ކުރެވެމުންދާވަރަކަށް އަޅުގަނޑުމެން މިދަނީ 4ޖީގެ އޮން ކުރަމުން. މިއަދާ ހިސާބަށް މާލެ ސަރަޙައްދު ފިޔަވައި އިތުރު 40 ރަށަކަށް ފޯޖީ ދެވިއްޖެ. އޭގެތެރޭގައި ރިސޯޓްތަކާ ރަށްތައް ހިމެނޭ. މިހާރު ރާއްޖޭގެ އާބާދީގެ 55 އިންސައްތަ އަށްވުރެ ބޮޑު އާބާދީއަށް 4ޖީގެ އެބަ ފޯރުކޮށްދެވޭ." ނިޔާޒް ވިދާޅުވިއެވެ.