ކުރިއަށް އޮތް 5 އަހަރަށް ކައުންސިލްތަކުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ތައްޔާރުކުރައްވަންޖެހޭ ތަރައްޤީގެ ޕްލޭން، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް މިހާތަނަށް ހުށައަޅުއްވާފައިވަނީ 80 ކައުންސިލަކުން ކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެލް.ޖީ.އޭއިން މިއަދު ނެރުއްވި ބަޔާނެއްގައި ހާމަކުރައްވާފައިވާގޮތުން، ކުރިއަށް އޮތް 5 އަހަރަށް ކައުންސިލްތަކުން ތައްޔާރު ކުރައްވަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެލް.ޖީ.އޭ.އަށް ފޮނުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް ނަމަވެސް، އެ ސުންގަޑިއަށް ހުށައަޅަންޖެހޭ ފައިނޭންޝަލް ޕްލޭންވެސް ހުށައަޅާފައިވަނީ ޖުމްލަ 56 ކައުންސިލަކުންނެވެ.
ތަރައްގީގެ ޕްލޭން އެލް.ޖީ.އޭއަށް ފޮނުއްވީ 14 އަތޮޅު ކައުންސިލަކުންނާއި 66 ރަށު ކައުންސިލަކުން ކަމަށް އެއޮތޯރިޓީން ވިދާޅެވެއެވެ. އަދި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރައްވައި 10 އަތޮޅު ކައުންސިލަކުންނާއި 56 ރަށު ކައުންސިލަކުން ފޮނުއްވި ކަމަށް އެލް.ޖީ.އޭއިން ވިދާޅުވެއެވެ. ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެދިޔައިރު އެއްވެސް ސިޓީ ކައުންސިލަކުން ޕްލޭންތައް ފޮނުވާފައިނުވާ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހާމަކުރެއްވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ ކައުންސިލަކުންވެސް ތަރައްޤީގެ ޕްލޭން ތައްޔާރު ކުރައްވަން ލާޒިމްކުރެއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭނާއި އިދާރީ ދާއިރާތަކުގެ ތަރައްޤީގެ ޕްލޭނަށް ބިނާކުރައްވައި ކުރިއަށް އޮތް 5 އަހަރުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރު ކުރައްވައި ޢާއްމު ކުރެއްވުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.