އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް" ގައި މިހާތަނަށް 1089 ތަނެއް ބަލާ ފާސްކުރެވިއްޖެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުއްވުމަށް ހިންގަވާ މިއޮޕަރޭޝަނުގެ ދަށުން މާލޭ 919 ތަނެއްގެ އިތުރުން ހުޅުމާލެއިން 63 ތަނެއް އަދި ތިލަފުށީން 107 ތަނެއް ބަލާފާސްކޮށްފައިވާކަމަށެވެ. މިހާތަނަށް ބަލާފާސްކުރެވުނު ތަންތަނުގެ ތެރެއިން އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް %36 ތަނެއްގައި ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާއިރު، %64 ތަންތަނުގައި އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް ބޭނުން ނުކުރާކަން ފާހަގަކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި މާލޭގައި ހުރި، ގުދަންތަކާއި ވޯކްޝޮޕްތަކާއި ކާޕެންޓްރީ އާއި ގަރާޖުތަކާއި ސައި ހޮޓާތަކާއި ރެސްޓޯރަންޓްތައް ބަލާ ފާސްކޮށްފައިވާއިރު، މާލޭގައި ހުންނަ އެންމެ ބޮޑު ދެ ހޮސްޕިޓަލުކަމުގައިވާ އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލު ވެސް އެމްއެންޑީއެފުން ބަލާފާސްކޮށްފައިވެއެވެ.
img:http://s4.psmnews.mv/images/660x400/14810314135889.jpg|މާލެގައި ހުރި ގުދަންތައް ބަލާފާސްކުރުމަށް އެމްއެންޑީއެފްއިން ހިންގާ އޮޕަރޭޝަންގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ވިދާޅުވީ މި އޮޕަރޭޝަން މިހާރު ކުރިއަށްދަނީ ހުޅުމާލެ އާއި ވިލިމާލޭ އަދި ތިލަފުށީގައިކަމަށެވެ. އަދި މާލޭގައި މިހާރު ބަލާފާސް ނުކުރެވިފައިވަނީ، ބަންދުކޮށްފައިހުރުމުގެ ސަބަބުން ނުވަދެވުނު ތަންތަންކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ އެފަދަ ގުދަންތައް، އެ ގުދަންތަކުގެ ވެރިފަރާތާ ގުޅިގެން ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ދަނީ މިއޮޕަރޭޝަންގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބައްލަވަމުންނެވެ. އަދި އަލިފާން ނިއްވާ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން ޢިމާރާތާއި ބެހޭ މުހިންމު މަޢުލޫމާތުތައް އެމްއެންޑީއެފުން ދަނީ ބައްލަވަމުންނެވެ.