ދީން

ދިވެހިރާއްޖެ އިސްލާމްވިތާ 863 އަހަރު


ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަހަށް ދިވެހިންނަށް އަލިވިލިގެން އައީ ދުނިޔެއާއި އާޚިރަތުގެ އެންމެ ބޮޑު ނިޢުމަތާއެކުއެވެ. އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމާއެކުއެވެ. އެއީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ.

ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އޭރު ރާއްޖޭގައި ޤަބޫލުކުރަމުން އައީ ބުދު ދީނެވެ. ރަސްކަމުގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތިޔަ، މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު މި ރަސްގެފާނު  ނަންފުޅު މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ތާރީޚުން އެނެގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ މިހަރު މިވަނީ 8 ޤަރުނުފާއިތުވެފައެވެ. ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ. އަދި 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެސް ޤާނޫނުގެ އަސާސީގެ އެ މާއްދާގައިވެއެވެ.

ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 285 އަހަރު ފާއިތުވެގެންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުއްޓެވެ. ދީނީ ކަންކަމަށް ސަމާލުކަންދެވޭ މިންވަރެވެ. ދީނާއި ދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން ކުރަމުންދާ ނޭދެވޭ އަސަރެވެ. ދީނާއި މެދުގައި ދިވެހިންގެ ހިތުގައި އޮތް ލޯތްބެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެމުންދާއިރު މި ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސް ކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމްދީންކަން ޤަބޫލުކުރަންޖެހެއެވެ. އިސްލާމްދީނަކީ މިފަދަ އެންމެހައި ސިފަތަކުގެ މައްޗަށް ފުރިހަމަވެފައި އޮތް ކާމިލް، ޝާމިލް ދީނެކެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވޭ މި ދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހޭ އެއްކަމަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް ދިވެހިންގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމެވެ. ނަމަވެސް ދީނީ މިފަދަ ޚިޔާލު ތަފާތުވުންތަކަކީ އޭގެ ސަބަބުން ބައިބައިވުން އުފެދެންޖެހޭ ސަބަބެއް ނޫންކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް ދެއްވި ޚާއްސަ ބަސްދީޤަތުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ މިކަން ފާހަގަކުރައްވާފައެވެ.

" ނަބީބޭކަލުންގެ ތެރޭގައިވެސް ޚިޔާލުތަފާތުވުން އޮތް. އަޞްޙާބުންގެ ތެރޭގައިވެސް ޚިޔާލުތަފާތުވުން އޮތް. އެހެންނަމަވެސް އެ ޚިޔާލު ތަފާތުވުން ވާންވާނީ އެއްބައިވަންތަކުރުވާ ޚިޔާލުތަފާތުވުން ތަކެއްކަމަށް. އެ ޚިޔާލުތަފާތުވުމުގެ ސަބަބުން ބައިބައިވެވިގެންނުވާނެ. އަދި އެ ޚިޔާލުތަފާތުވުންތަކަކީ ބައެއްގެ މެދުގައި ހަމަނުޖެހުން އުފައްދާ އެއްޗަކަށް ވެގެންނުވާނެ."

އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލޯތްބާއި ޤަދަރުކުޑަކޮށް، އެ ދީނާމެދު ނަފްރަތު އުފެއްދުމަށްވެސް ބަޔަކު މަސައްކަތްކުރާކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީހުންގެ ނުރައްކާތެރި މަޅިތަކުން ސަލާމަތްވުމަށްޓަކައި ދީނީ ޢަޤީދާ ވަރުގަދަކޮށް އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމުކަމެކެވެ.

ހަމައެހެންމެ ރާއްޖޭގެ ދީން ބަދަލުކޮށްލުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރި އިރުވެސް އެކަން ކާމިޔާބުވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މުސްލިމުންގެ ލެއިން ދިވެހި ކަނޑުތައް ރަތްކޮށްލި ޕޯޗުގީޒުންގެ އަނިޔާވެރި ދުވަސްވަރުވެސް ދިވެހިން ސާބިތުވެތިބީ އިސްލާމްދީންމަތީގައެވެ. އެދުވަސްވަރު ދިވެހިންގެ ކަރަށް ގަދަކަމުން ރާއަޅަން މަސައްކަތްކުރުމުންވެސް އެކަމާ އިންކާރުކޮށް، އިސްލާމްދީނުގެ ޢަޤީދާގައި ސާބިތުވެތިބިކަން ތާޜީޚުން އެނގެން އެބައޮތެވެ. މިއީ އިސްލާމީ އަޤީދާގައި ދިވެހިން ދެމިތިބޭނެ ކަމުގެ ސާފު ހެކިތަކެކެވެ.

ހަމައެބީދައިން އިސްލާމްދީން ދިފާޢުކުރުމަށްޓަކައި ދިވެހި ކާބަފައިން ކުރައްވާފައިވާ ޖިހާދުތަކުގެ މަތީން ހަނދާން އައުކޮށް ޢިބުރަތް ލިބިގަންނަންޖެހެއެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާތައް އައު ކުރަންޖެހެއެވެ.

އިސްލާމްދީނުގެ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި ދޮންބަންޑާރައިންނާއި އަލިރަސްގެފާނާއި ޝަހީދު ޙުސައިން އާދަމް ފަދަ ލީޑަރުން ވެވަޑައިގެންނެވި ޤުރުބާނީން މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަންނަ ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ޤައުމާއި ދީނަށްޓަކައި ކެރިގެން ތެދުވާންޖެހެއެވެ. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން ވާރުތަކުރެއްވި އިސްލާމްދީނާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.