ޚަބަރު

ސްކޫލްތައް ހުޅުވެންވާއިރަށް ޓީޗަރުން ހަމަވާނެ- އެޑިއުކޭޝަން


މި ފެށޭ ދިރާސީ އައު އަހަރު 6900 ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދެއްވާނެއެވެ. އަދި މީގެ ތެރެއިން 2200 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުން އަދި 4700 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ހަމަޖެއްސެވުމުގައި ބިދޭސީ ޓީޗަރުން ނަންގަވާފައިވަނީ ދިވެހި ޓީޗަރުން ލިބޭ މިންވަރަށް ބެއްލެވުމަށްފަހުއެވެ. 

ދިރާސީ އައު އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ ކަންތައްތަކެއް ރާއްވަވާފައިވެއެވެ. އެގޮތުން ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރެއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދުރާލާ ފަށްޓަވާފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވޭއިރު ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ހަމަޖެހިފައިވާނެކަމަށެވެ. ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 212 ސްކޫލެއް ހިންގަވުމުން ގެންދަވައެވެ. އަދި ރަސްމީ ތައުލީމުގެ ތެރެއަށް ޕްރީ ސްކޫލްގެ ތައުލީމް ފޯރުކޮށްދެއްވުމަށް ސަރުކާރުން ނިންމެވުމާއެކު، ޕްރީސްކޫލަށް ބޭނުންވާ ޓީޗަރުންވެސް ސަރުކާރުންވަނީ ހަމަޖައްސަވާދެއްވާފައެވެ. 

ޓީވީއެމްގެ ރާއްޖެ މިއަދު ޕުރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާޢީލް ވިދާޅުވީ ޓީޗަރުން މަދު ސްކޫލްތަކަށް ޓީޗަރުން ހަމަޖައްސަވައި، ސްކޫލްތަކުގައި އިތުރަށް ބޭނުންވާ ދާއިރާތަކަށްވެސް ޓީޗަރުން ހަމަޖެހިފައިވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14682526478951.jpg|އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް ޢަލީ - ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"ރާއްޖޭގައި ތަމްރީނުވެފައި ތިބި މީހުން ތިބިކަމުގައިވީނަމަވެސް ބައެއް ބޭފުޅުންނަކީ ދާން ބޭނުންވާ ރަށް ނޫން އެހެން ރަށަކަށް ދާން ބޭނުންނުވާ ބޭފުޅުން. އެހެންކަމަށްވުމާއެކު އަޅުގަނޑުމެން ޖެހެނީ ބައެއްފަހަރަށް އެސްކޫލްތަކަށް ރާއްޖެއިން ބޭރުން މީހުން ގެންނަން ޖެހެނީ. ރާއްޖެއިން ބޭރުން ގެންނަންޖެހޭ މީހުންގެ އަދަދު އެއް އަހަރަށްވުރެ އަނެއް އަހަރު މަދުވަމުންދަނީ އަޅުގަނޑުމެންނަށް ރާއްޖެއިން މީހުން ލިބެމުންދާތީ. އެހެންނަމަވެސް ރާއްޖެއިން މީހުން ނުގެނެސް ފަރު ނުޖެހޭނީ ކުރިންވެސް މި ދެންނެވިހެން ރާއްޖެއިން މީހުން ލިބުމުގައި ދަތިތަކެއް ހުރުމާއެކު ބައެއް ޙާއްސަ މާއްދާތަކަށް ޓީޗަރުން އަތޮޅުތެރެއަށް ބޭނުންވާތީ" އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާޢީލް ވިދާޅުވިއެވެ

އިބްރާހީމް އިސްމާޢީލް ވިދާޅުވީ ވަޒީފާ ދޫކުރައްވާ ވަޑައިގަންނަވާ ޓީޗަރުންގެ ބަދަލުގައި، އައު ޓީޗަރުން ނެންގެވި އިރު، އެ މަޤާމްތަކަށް ދިވެހި ޓީޗަރުން ނެންގެވުމަށްފަހު އިތުރަށް ބޭނުންވާ ޓީޗަރުން ހޯދާފައިވަނީ ރާއްޖެއިން ބޭރުންކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރެއް ބިދޭސީ ޓީޗަރުން ގެންނަންޖެހޭ ޢަދަދު މަދުވަމުންއަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބޭރުން ގެންނަން ޖެހޭ ޓީޗަރުން ރެކްރޫޓްކުރުމަށް އިންޑީއާގައި ހަރަކާތްތެރިވި ޓީމުން އެއް ގްރޫޕު މިހާރު ރެކްރޫޓްކޮށްފައި މާލެ ފޮނުވާލާފައިވަނީ. އެހެންވީމަ އޭގެ މާނައަކީ 2017 ވަނަ އަހަރު ސްކޫލް ހުޅުވޭއިރު 180 ވަރަކަށް ޓީޗަރުން ބޭނުން މިވަނީ، އެއީ އެއްފަހަރާ ގެންނަ 180 މީހުންނެއް ނޫން، އޭގެ ތެރޭގައި ހިމެނޭނެ އިސްތިއުފާ ދީފައި ދިޔަ ޓީޗަރުންނާއި އަމިއްލަ އަށް ވަޒީފާ ދޫކޮށްލި ޓީޗަރުންނާއި ބަދަލުގައި ގެންނަ މީހުންވެސް" އިބްރާހިމް އިސްމާޢީލް ވިދާޅުވިއެވެ. 

ދިރާސީ އައު އަހަރު ފެށޭއިރު ޕްރީ ސްކޫލަށް ބޭނުންވާ ޓީޗަރުންވެސް ސްކޫލް ހުޅުވޭއިރު ސްކޫލްތަކުގައި ތިއްބަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި އަހަރުވެގެންދާނީ މިހާތަނަށް ސްކޫލްތައް ހުޅުވޭއިރު ދިމާވާ މައްސަލަތައް އެންމެ މަދު އަހަރަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.