ޚަބަރު

ނޮޅިވަރަންފަރު ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


ހދ.ނޮޅިވަރަންފަރު ފަޅުތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މަރުވެފައިއޮއްވާ ފެނުނީ އެރަށު ކަންމަތީގޭ އުމުރުން 75 އަހަރުގެ މޫސާ އިބްރާހީމް ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ރައީސް އަޙްމަދު ރިޔާޒް ވިދާޅުވީ، މޫސާ އިބްރާހިމް ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެރަށު ފަޅުތެރޭގައި ޑިންޑީއެއްގައި ދަތުރުކުރަމުންދިޔަ މީހަކަށް ކަމަށެވެ. ރިޔާޒް ވިދާޅުވީ، އޭނާގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަންނެތްކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ހުށައެޅުމާއެކު ފުލުހުންގެ ފޮރިންސިކް ޓީމަކާއި ތަޙުޤީޤް ޓީމެއް އެރަށުގައި މިހާރު ޙަރަކާތްތެރިވަމުންދާކަމަށެވެ.