ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަކީ ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަޝްރޫޢުއެވެ. އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ ބިޔަ މަޝްރޫޢު ތެރެއިން އެއަރޕޯޓުގައި އަލަށް ހަދާ އައު ރަންވޭގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މި ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމް.އޭ،ސީ،އެލް އިން މަޢުލޫމާތުދެއެވެ. އެގޮތުން ރަންވޭ ހެދުމަށް ބޭނުންވާ ބިން، ކުރިން ހުޅުމާލޭ ފަޅަށް ވަންނަން ބޭނުންކުރި ނެރާ ހިސާބަށް ހިއްކާ ނިމިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ރަންވޭ ހެދުމުގެ އިތުރު މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ފަށާނެކަމަށް އެމް.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވިއެވެ.
"ސައުތް އެންޑުން ދެންހުރި މަސައްކަތްތައް ފެށުމުގެ މަސައްކަތްތައް ރާވަމުންދަނީ، މި ކުއާރޓާގެ ތެރޭގައި ދެން ހުރި މަސައްކަތްތައް ވެސް ފެށިގެންދާނެ. ހިއްކުމާއެކު ޕެރެލަލްކޮށް ރަންވޭގެ ދެންހުރި މަސައްކަތް ފެށިގެންދާނެ. ސީޕްލޭން ބޭސް ރިލޮކޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. ސީޕްލޭން ބޭސް އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ކުއަރޓާގައި ފެށޭނެ" އާދިލް މޫސާ ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14760955099431.jpg|މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ- ފޮޓޯ: ޕީއެސްއެމް
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި ހަދާ ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނާނެއެވެ.
އައު ރަންވޭ ހެދުމުގެ އިތުރުންވެސް އެއަރޕޯޓް ތަރައްޤީއާއި ގުޅޭ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެއަރލައިން އޮޕަރޭޓަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އާ އެއަރލައިން ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނޭ ގޭޓްތަކާއި ލައުންޖް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެއަރޕޯޓްގައި އާ ވޯޓަރ ސަޕްލައި ބިލްޑިންއެއް ހެދުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ.
"މިހާރު ހުރި ވޯޓާ ސަޕްލައި ބިލްޑިންގާއި ޓޭންކްތަކާއި ސިސްޓަމް ހުރީ ޓާރމިނަލް ހުރި ސަރަޙައްދު ވީމަ ރިލޮކޭޓް ކުރަނީ ނޯޓް ސައިޑަށް. ނޯތް ސައިޑްގެ ބިލްޑިންގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވަނީ. ތާންގީތައް ބަނނުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ. ޓާމިނަލްގައި ސޮއިލް ޓެސްޓްކުރުމާއި އެކަންތައް މިހާރު ކުރިއަށްދަނީ. ސެކަންޑް ކުއާޓަރ ފެށޭ ހިސާބުގައި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މި ބެލެވެނީ" އާދިލް ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުއަކީ 800 މިލިއަން ޑޮލަރު ބިޔަ މަޝްރޫއެކެވެ.