އިސްލާމީ ޤައުމުތަކުގެ އިސްލާމީ ވަންތަކަން ދައްކުވައިދެނީ އެޤައުމެއްގައި ބިނާކުރާ މިސްކިތްތަކުންކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރެއްވުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން ޢަޙުމަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ވަޤުފް ފަންޑަށް ފައިސާ ހޯއްދެއްވުމަށް އިމާރާތްކުރެއްވި ވަޤުފް ބިލްޑިންގ ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ދާރުލް އީމާންގެ ނަމުން ނަންދެއްވާފައިވާ މި އިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދެވެ.
ދާރުލް އީމާން ހުޅުއްވާދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ މުސްލިމުން ދިރިއުޅޭ ޤައުމުތަކުގައި އެންމެ މުހިންމުކަން ދެވޭ ތަންތަނަކީ މިސްކިތްތައް ކަމުގައެވެ. މި ސަރުކާރުން މިސްކިތްތައް ބިނާކުރުމާއި މިސްކިތްތަކުގެ އާބާތުރަ ފިލުއްވުމަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ބަޖެޓުގެ ތެރެއިން ޝައްކެއްވެސް ނެތް ގޮތުގައި ޢިއްޒަތްތެރި ރައީސުލް ޖުމްޙުރިއްޔާ ވަރަށް ގިނަ ޢަދަދެއްގެ މިސްކިތްތައް ބިނާކުރެއްވި. އަދި ކުރިން އަބާތުރަ ނުފިލުވި ހުރި މިސްކިތްތަކާއި އަދި ވަރަށް ދުވަސްވެފައިހުރި ބައެއް މިސްކިތްތައް އިތުރަށް މަރާމާތުކޮށް އެ މިސްކިތްތަކަކީ މިހާރު ނަމާދުކުރަން ފަސޭހަ މިސްކިތްތަކެއް ކަމުގައި ވަނީ ހައްދަވާފަ." މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ވަޤުފްގެ މަސައްކަތަކީ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމުގައި ވެގެންދާނެކަމަށެވެ. އިސްލާމީ ބައެއް ޤައުމުތަކަށް ވަޤުފްގެ ޒަރީޢާއިން އާމްދަނީ ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޤުފް އިމާރާތްތައް ބިނާކުރެވިގެން ދިއުމަކީ އުއްމީދެއްކަމަށާއި މި އިމާރާތްތަކުގެ ސަބަބުން ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14842507783794.jpg|އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު- ފޮޓޯ: ޕީއެސްއެމް
"ރާއްޖޭގެ ދިގު ތާރީޚަށް މިކަން ހުއްޓުމަށްފަހު މިއަދު އިރާދަކުރެއްވިއްޔާ ﷲ ގެ ރަޙުމަތުން އަޅުގަނޑުމެންގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ދުރު ވިސްނުންފުޅާއި އެކު މި މަސައްކަތް ނިމިގެން މިދިޔައީ. އަޅުގަނޑުގެ އުއްމީދަކީ މީގެ އެތައް އިމާރާތެއް މި ބިމުގަ ބިނާވެގެން ދިއުން" މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވިއެވެ.
ދާރުލް އީމާނަކީ ވަޤުފް ފަންޑުން، 24.9 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ސަރުކާރުން ޢިމާރާތްކުރައްވާފައިވާ އިމާރާތެކެވެ. އޮފީސް އިމާރާތެއްގެ ގޮތުގައި، ބިނާކުރައްވާފައިވާ މިޢިމާރާތް ކުއްޔަށްދީގެން އަހަރެއްގެ މައްޗަށް، 5.2 މިލިޔަން ރުފިޔާ ވަޤުފް ފަންޑަށް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ފައިސާ ޚަރަދު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިސްކިތް ބިނާކުރުމާއި، މިސްކިތްތައް މާރާމާތުކުރުމާއި، އަބާތުރަ ފިލުވުމަށެވެ.