ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް އިމާރާތް ކުރައްވަމުން ގެންދަވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނިންމާ، ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ބޭނުން ކުރަން ފަށްޓާވަނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާރޕަސް ހޯލް ޢިމާރާތް ކުރެއްވުމަށް ފުރަތަމަ ބަޔަކާ ޙަވާލުކުރެއްވީ 2011 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. މި އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތް ކުރުމަށްފަހު މަސައްކަތް ކުރަމުން ގެންދިޔަ ކުންފުނިން އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ހުއްޓާލިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ދެވަނަ ފަހަރު އެޑިއުކޭޝަނުން ބަޔަކާ ޙަވާލު ކުރެއްވީ މިދިޔަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތް މިހާރު ކުރަމުން ގެންދަނީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި މި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް މޮނިޓަރ ކުރެއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލު ކުރައްވާފައިވަނީ ތިމަރަފުށީ ކައުންސިލާއެވެ. އެރަށު ކައުންސިލްގެ މެމްބަރ އަޙްމަދު އިޝާން ވިދާޅުވީ، މި މަލްޓިރޕާރޕަސް ހޯލުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
"އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހެދޭ މަލްޓިޕަރޕަސް ހޯލަކީ ދެހާސް އެގާރަ ވަނަ އަހަރު ފެށިގެންދިޔަ ޕްރޮޖެކްޓެއް. އެހެންނަމަވެސް މި މަސައްކަތުގެ ހަމައެކަނި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށްފަހު މަސައްކަތް ހުއްޓިފައި އޮތީ މި ސަރުކާރު އައުމުގެ ކުރިން. އެހެން ނަމަވެސް ސަރުކާރުން އަލުން މިމަސައްކަތް ފަށައިގެން މިހާރު މިއޮތީ އަށްޑިހަ ޕަސެންޓް ނިމިފަ. މިހާރު މިތާ ކުރަމުންދާ މަސައްކަތްތަކަކީ ސީލިންގ ކުރުމާއި، ދޮރުތައް ހަރުކުރުމާއި، ފެން ފިނިޝިންގެ މަސައްކަތްތައް." ތިމަރަފުށީ ކައުންސިލް މެމްބަރ އަޙްމަދު އިޝާން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ މާރޗް މަހުގެ ތެރޭގައި މި ހޯލް ބޭނުން ކުރައްވަން ފަށްޓަވާނެކަމަށެވެ. ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢަކީ 3.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެންމެ ޒަމާނީ ފެންވަރުގެ މި ޕަލްޓިޕަރޕަސް ހޯލް ޢިމާރާތްކުރައްވަނީ ޖަލްސާތައް ބޭއްވުމުގެ އިތުރުން އެކިކަހަލަ ކުޅިވަރުވެސް ކުޅެވޭނެ ފަދަ ގޮތަކަށެވެ.