އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޑައިލިސިސްގެ ޚިދުމަތް މިއަހަރު އަލަށް ފަށްޓަވަން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި، އަތޮޅު ތެރޭގެ 5 ހޮސްޕިޓަލެއްގައި މިހާރުވެސް ކިޑްނީ ބަލީގެ މީހުންނަށް ޑައިލިސިސްގެ ޚިދުމަތް ދެމުންދެއެެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޑައިލިސިސްގެ ޚިދުމަތް އަތޮޅުތެރޭގައި މިހާރު ލިބެން ނެތް ހޮސްޕިޓަލްތަކަށް އެޚިދުމަތް ފުޅާކުރެއްވުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތް އަލަށް ފެށްޓެވުމަށް ހަމަޖެހިފައިވަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަމެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
'' ޑައިލިއިސިސްގެ ޚިދުމަތް ފުޅާކުރެއްވުމަށް އެބަ ވިސްނަން. އިތުރު ހަތަރު ފަސް ތަނެއްގައި ޚިދުމަތްފެށޭނެ ކަމަށް މިބަލަނީ. އެހެންނަމެވެސް އެޚިދުމަތް ފަށާފައިވަނީ އެކަމުގެ ނީޑްސް އޮތް ތަންތަން ބަލާފައި. '' މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
ޑައިލިސިސްގެ ޚިދުމަތް އަތޮޅުތެރޭގައި މިހާރު ދެމުން ދަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ.
ކިޑްނީގެ ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އައިޖީއެމްއެޗުގައި ޑައިލިސިސް ހަދާ މީހުންގެ އަދަދު 150 އާ ގާތްކުރާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި މިހާރު ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކުރައްވާ ޚިދުމަތްދެއްވަން ފަށްޓަވާފައެވެ. އެސެންޓަރުގައި ކިޑްނީ ޓްރާންސްޕާލާންޓް ހެދުމުގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައިވެއެވެ.
ކިޑްނީ ފެއިލްވެ، ކިޑްނީ ބަދަލުކުރަންޖެހިފައިވާ މީހުންގެ ކިޑްނީ ބަދަލުކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވައެވެ. އެގޮތުން 2014 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުން 13 މީހުންގެ ކިޑްނީ ބަދަލުކޮށްފައިވާއިރު، 2015 ވަނަ އަހަރުވެސް 13 މީހުންގެ ކިޑްނީ ބަދަލުކޮށްފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 5 މީހުންގެ ކިޑްނީ ބަދަލުކޮށްފައިވެެއެވެ.