ޚަބަރު

ކައުންސިލް އިންތިޚާބަށް ތައްޔާރުވަނީ ސައްޙަ ކޮމިޓީއަކުން


ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޕީ.ޕީ.އެމުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް ހިނގަމުންދަނީ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން އުފައްދަވާފައިވާ އިންތިޚާބު ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް އެ ޕާޓީން ބުނެފިއެވެ. 

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ބައްވާ ޕްރައިމެރީ މިމަހުގެ 27 ވަނަދުވަހު ބާއްވަނީ ޕާޓީގެ އާސާސީ ޤަވައިދާ ހިލާފަށްކަމަށް ވިދާޅުވެ، އެކަން ނުކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ރޭ ގޮވާލައްވާފައިވެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދު ﷲ ޚަލީލު ވިދާޅުވީ ޕާޓީގެ ނަމުގައި ބައެއް ފަރާތްތަކުން ޕާޓީގެ އާއްމު މެންބަރުންނަށް އޮޅުން އަރާގޮތަށް ނޫސްބަޔާންތައް ނެރެމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުން ދައްކަވަމުން ގެންދަވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް އަބްދު ﷲ ޚަލީލު ވިދާޅުވިއެވެ.  

"ޕީ.ޕީ.އެމްއަކީ ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމި ކައުންސިލްގެ އިއްތިފާޤުން މުސްތަޝާރާއި ޙަވާލުކުރެވިފައިވާ ޕާޓީއެއް. އެހެންވީމަ ޕާޓީގެ މުސްތަޝާރު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޕާޓީގެ ހިންގުމާގުޅޭ ގޮތުން ވާހަކަދެއްކުމާއި، އަދި އޭގެ އިތުރުން ނޫސް ބަޔާން ނެރުމަކީ، ކުރެވޭނެ ކަމެއް ނޫން. އެކަން ކުރައްވައިގެން ނުވާނެ." ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ، އެއީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކުރާ ޕާޓީގެ އެއްބައިވަންތަކަމާއި، ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ރޫހާ ޚިލާފައް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެފަދަ ކަންކަން ކުރައްވާނަމަ އެކަން ކުރާ ފަރާތްތަކާމެދު އާންމު އުސޫލެއްގެ ގޮތުން ކަން ކުރަން ޖެހޭގޮތަށް ޢަމަލު ކުރައްވާނެ ކަމަށެވެ. ޚަލީލު ވިދާޅުވީ، ޕީ.ޕީ.އެމްގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ހަރަކާތްތައް އިތުރުކުރައްވާއި ކުރިއެރުވިފައިވާ ކަމަށެވެ.