ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާއިރު، އެފަދަ ބަލިތަކާމެދު ޢާންމުން ޙޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރެއްގައި ޚާއްސަ ޙަރަކާތްތަކެއް މިއަހަރު ހިންގެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބަލިޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން މީހުންގެ ޙޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގެވުމަށް ރާއްވަވާފައިވާ ކަމަށެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުގެ ފިޔަވަޅުތައް އެޅުއްވުމަށް ބާރުއެޅުއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާއިރު، މިއީވެސް ގައިން ގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނަގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
''ރައްޔިތުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު މިވަނީ ހަމަޖައްސަވާފައި. މެޑިކަލް ޗެކްއަޕް ހެދިގެން ދިއުމުން ދުރާލާ މީހުންނަށް އެނގިގެންދާނެ އެފަދަ ބަލިތަށް، ކެންސަރުގެ އަލާމާތެއް، ހަކުރު ބަލީގެ އަލާމާތެއް ފެނިގެންދާނެ. މިފަދަ ކަންތައްތައް ދެނެގަނެވި އޭގެ ސަބަބުން ދުރާލާ ޕްރިކޯޝަންތައް ނެގިގެންދާނެ މީއީވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅުނު މުޙިންމު ފިޔަވަޅެއް'' މިނިސްޓަރ ވިދާޅުވިއެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާމެދު އާންމުން ހޭލުންތެރިކޮށް މަދިރި ނައްތާލުމަށް ޤައުމީ ފެންވަރުގައި މިއަހަރުވެސް ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަދިރި ނައްތާލުމުގެ ޤައުމީ ކެންޕޭން ފެށްޓެވީ މިދިޔަ އަހަރު ލ.ގަމުގައެވެ. މި ކެމްޕޭނަކީ މަދިރީގެ ޒަރީޢާއިން ޖެހޭ ބަލިތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.
މެލޭރިއާ، ފައިލޭރިއާ، ޑެންްްގީ، ޔެލޯ ފީވަރ އަދި ޗިކުންގުންޔާ ފަދަ ބަލިތަކަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކެކެވެ. ރާއްޖޭގައިވެސް އަހަރުގެ އެކި ދުވަސްވަރު ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރޭކަން ފާހަގަކުރެވެއެވެ.