ޚަބަރު

2018ގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށްވާނެ - ރައީސް


2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މ އަތޮޅު ނާލާފުށީ ގޮނޑުދޮށް ޙިމާޔަތް ކުރެއްވުމުގެ މަސައްކަތް ނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ވާދަވެރި ރިޔާސީ އިންތިޚާބަކަށް ވާނެކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުންނަވަން ބޭނުންފުޅު ވަނީ ރައްޔިތުން ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް މި 5 އަހަރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވުމަށްފަހު ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތައް ބައްޓަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އެދޭ ތަރައްޤީގެ ސްކޭލްއާ އެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ދިމާވާ މައިގަނޑު އެއް ގޮންޖެހުމަކީ ޖިއޮގްރަފީގޮތުން ރައްޖޭގެ ރަށްތައް އުފެދިފައިވާ ގޮތްކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ބޭނުންވާ ޚިދުމަތްތައް ވަކިވަކިން ދެއްވަން ޖެހިވަޑައިގަތުމަކީ ތަރައްޤީގެ ދުވެލި މަޑުޖެހެން ދިމާވާ އެއް ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ މި ގޮންޖެހުންތަކުން އަރައިގަނެ، ކޮންމެ ރަށަކަށްވެސް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން މިހާތަނަށް ކޮށްދެއްވާފައިނުވާ ގިނަ ކަންތައްތަކެއް މިސަރުކާރުގެ 3 އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކާމިޔާބު ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގެވުމަށް ލޯކަލް ކައުންސިލްތަކުގެ އަޣުލަބިއްޔަތު ސަރުކާރަށް ދެއްވުން މުހިންމުކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ނަލާފުށީގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން މަޝްރޫޢުތައް ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.