ޚަބަރު

ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާ ސަފީރު ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު، ބަންގްލަދޭޝްގެ ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ހަދަމުންދާ ދިވެހި ކިޔަވާކުދިންނާ ބައްދަލު ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި އެކުދިންނަށް ދިމާވެފައިވާ ރަޖިސްޓްރޭޝަންގެ މައްސަލައާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކުރައްވަމުންދާ ކަންތައްތަކުގެ މައުލޫމާތު އެކުދިންނަށް ދެއްވިއެވެ. އަދި މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރާއެކު ކުރައްވަމުންގެންދަވާ މަސައްކަތް ކުރިއަށްގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.  

ބަންގްލަދޭޝްގައި އަމިއްލަގޮތުން މެޑިސިން ހަދަމުންދާ 28 ދަރިވަރަކަށް ދިމާވެފައިވާ މިމައްސަލަ ވަނީ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެޤައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ގެންނަވާފައެވެ. އަދި ބަންގްލަދޭޝްގައި ހުންނަ ދިވެހި އެންބަސީން ވަނީ މިކަމަށް އަވަސް ޙައްލެއް ހޯއްދެވުމަށްޓަކައި ބަންގްލަދޭޝްގެ ހެލްތް މިނިސްޓްރީއާއި ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަށް ވެސް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ވައިސް ޗާންސެލަރ އާއި އެންބަސީގެ އޮފިޝަލުން ވާހަކަ ދައްކަވައި މިކަން މިހާރުން މިހާރަށް ހައްލުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.