ޚަބަރު

ޑެންގީހުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި


މިދުވަސްވަރު މާލެއާއި އަތޮޅުތަކުން، ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުމަވުންދާތީ ޑެންގީހުމުން ރައްކާތެރިވުމުގެ ދުރާލާ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ. 

އެޗްޕީއޭ އިން ވިދާޅުވީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓުކުރާ މީހުންނާއި ކުދިންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. މިދިޔަ އަހަރު 1962 މީހުންނާއި ކުދިންނަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %4 އިތުރު ޢަދަދެކެވެ. 

މިއަހަރުވެސް މި ޢަދަދު އިތުރުވެދާނެކަމަށް އެޗްޕީއޭއިން ލަފާކުރައްވައެވެ. ޑެންގީހުމުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އަޅާ މަދިރިން ރައްކާތެރިވުމަށާއި، މަދިރި މަދު ކުރުމުގެ މަސައްކަތް ކުރުމަށް ހެލްތު ޕްރޮޖެކްޝަން އެޖެންސީން އިލްތިމާސް ކުރައްވައެވެ. 

ޑެންގީހުމުގެ ޢަލާމާތްތަކުގެތެރޭގައި ގައިގާ ރިއްސުމާއި ހުންއައުމާ، ބޮލާއި ލޮލުގައި ރިއްސުމާއި، އަދި ގައިގައި ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. ޑެންޑީގެ ނުރައްކާތެރި ޢަލާމާތްތަކުގެތެރޭގައި ކުޑަކަމުދެވޭ މިންވަރުމަދުވުމާއި، އާދަޔާ ޚިލާފަށް ވަރުދެރަވުމާއި، ގައިގެ އެއްވެސްތަނަކުން ލޭއައުން ހިމެނެއެވެ. މިއިން ޢަލާމާތެއް ފެނިއްޖެނަމަ ނުވަތަ ތިން ދުވަހަށް ވުރެ ގިނަ ދުވަހު، ހުން އަންނަ ނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިިވެއެވެ.