ތަރައްްޤީ

ފެނަކަ ކޯޕަރޭޝަނުގެ އޮފީސްތައް އެއްވިއުގައަކުން ގުޅާލަނީ


ފެނަކަ ކޯޕަރޭޝަނުގެ އޮފީސްތައް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

މިމަސައްކަތް  ކުރުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ މައިކްރޯސޮފްޓް ޑައިނެމިކްސް އިމްޕްލިމެންޓިންގ ޕަރޓްނަރ "ޖިނަސެނަ އިންފޯ ޓެކް ޕްރައިވެޓް ލިމިޓެޑާ"އެވެ. ފެނަކަ ކޯޕަރޭޝަނުން ޤާއިމުކުރުމަށް ހަވާލުކުރި، އެންޓަރޕްރައިޒް ރިސޯސް ޕްލޭނިންގ ސިސްޓަމް (އީ.އާރު.ޕީ) އަކީ ކުންފުނީގެ ހުރިހާ ބިޒްނަސް ޕްރޮސެސް އަދި ފަންކްޝަންތަކެއް އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން ބޭނުންކުރާ ސޮފްޓްވެއަރ އެކެވެ.

އީ.އާރު.ޕީ ގުޅާލުމާ ގުޅޭގޮތުން ފެނަކަ އޮފީހުގައި ކުރިޔަށްގެންދިޔަ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ މައިއޮފީހާއި އެކުންފުނީގެ އެހެން އޮފީސްތަކާ ގުޅާލުމުގެ މަސައްކަތަކީ ކުރިންވެސް ކުރަން ކަނޑައަޅާފައިވާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުންޏަކީ ގާތްގަޑަކަށް އަށާރަސަތޭކައަށް މިލިޔަނަށް ވުރެއް ގިނަ ރުފިޔާގެ ތަފާތު މުޢާމަލާތްތައް ކުރާ ކުންފުންޏެއް. އެހެންވީމަ މިކުންފުނީގެ މަސައަކަތް މިހާ ބޮޑަަށް ވައިޑްވެފައި އޮންނައިރެއްގަ، އެޓްރެކް ކަހަލަ ސްފްޓްވެއަރއަކުން މެނޭޖްކުރުމަށް ދަތިވޭ. އެގޮތުގެ ސަބަބުން އީ.ޕީ،އާރު ސިސްޓަމް އިންޕްލިމެންޓް ކުރުމުން އެތައް ބައިވަރު ލުއިފަސޭހަތަކެއް ވޭ. ސަރުކާރު ކަމާއި ބެހޭ ފަރާތްތަކަށް ޖަވާބުދާރީ ވުމާއި އިތުރު ރިޕޯޓްތައް ޖެނެރޭޓްކުރަން އަޅުގަނޑުމެންނަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނަކީ މިހާރުވެސް ގިނަ ޢަދަދެއްގެ މާލީ މުޢާމަލާތްތަކެއް ކުރަމުންގެންދާ ކުންފުންޏަކަށް ވުމާއެކު، މި ސިސްޓަމްގެ ތެރެއިން ކުންފުނީގެ މާލީ ހިސާބުތަކާއި ދައުލަތުގެ މުވައްސަސާތަކަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމަށް ފަސޭހަވެ، ވަގުތު ސަލާމަތްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި މިއަހަގެ ޖޫން މަހު ބޭނުން ކުރަން ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. މިއަދު ފެނަކަ ކޯޕަރޭޝަނުގެ މައި އޮފީހުގައި ކުރިޔަށްގެންދިޔަ ރަސްމިޔާތުގައި އެކުންފުނީގެ ފަރާތުން މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވިއެވެ. އަދި ސްރީލަންކާގެ ޖިނަސެނަ އިންފޯ ޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މާކެޓިން މެނޭޖަރ ހެމަކަ ވިޖެގުނަސެކަރައެވެ.