އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބާއްވަވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ޕީޕީއެމް ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ މިއަދު ބާއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ޕްރައިމަރީގައި މާލޭ ސަރަޙައްދުން މާލޭގައި ވޯޓްނެގުން އޮތީ ދަރުބާރުގޭގައެވެ. ހުޅުމާލޭގައި ވޯޓް ނެގުން އޮތީ ޕީޕީއެމްގެ ޖަގަހައިގައެވެ. އަތޮޅުތަކުގައިވެސް 34 ރަށެއްގައި ވަނީ ވޯޓްނަގާފައެވެ. ވޯޓް ނެގުން އޮތީ މިއަދު މެންދުރުފަހާއި ހަވީރުއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން އަންނަނީ އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިންގެ ޙަރަކާތްތައް ހިންގަމުންނެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓް ނެގުމަށް ދަރުބާރުގޭގައި 16 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރޭގައި މާލެ ސިޓީގެ ބައެއް ދާއިރާތަކާއި އަތޮޅު ކައުންސިލްގެ ދާއިރާތަކަށް ޚާއްޞަ ވޯޓްފޮށިތައް ހިމެނެއެވެ. ޕީޕީއެމްއިން ބުނީ ޕްރައިމަރީ ބޭއްވީ ކޮންމެހެން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި ކަމަށެވެ. ހުޅުމާލޭގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ ޖަގަހައިގައެވެ. ޕީޕީއެމްގެ އިންތިޚާބު ކޮމެޓީން ބުނީ 34 ރަށެއްގައި ވޯޓުލުން ބޭއްވިއިރު، މާލެ ސިޓީގެ 5 ދާއިރާއަކަށާއި އަތޮޅުތަކުގެ 12 ދާއިރާއަކަށް މި ޕްރައިމަރީން ކެނޑިޑޭޓުން އިންތިޚާބު ކުރާނެ ކަމަށެވެ. އަދި މެޖޯރިޓީ ކައުންސިލްތަކަށް ކުރިމަތިލާފައި ވަނީ ޕްރައިމަރީއެއް ބާއްވަން ނުޖެހޭ ޢަދަދަށް ކަމަށެވެ.
މިއަދު ނެގުނު ވޯޓް ގުނުމާއި ނަތީޖާ ސާފުކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރިޔަށެވެ. އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީން ނުފޮރުޅާނެ އެންމެ ގާކޮޅެއްވެސް ނޯންނާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ފަރާތުން 600 އަށްވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ. އެޕާޓީން ބުނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އަތޮޅުތެރޭގައި ކުރިއަށް ގެންދާއިރު އެންމެ ބޮޑަށް އިސްކަންދޭނީ މައިގަނޑު 3 ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ރައްޔިތުންގެ އަޑުއެހުމާއި ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން ކަމަށް ޕިޕީއެމުން މަޢުލޫމާތުދެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަކީ ކުޑަ އިންތިޚާބެއްގެ ގޮތަށް ނުދެކޭ ކަމަށާއި އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށް އެޕާޓީން މީގެކުރިން ވަނީ ބުނެފައިވެއެވެ.