ތަރައްްޤީ

ދިއްގަރު ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ މިމަހު ލިބޭނެ


ދިއްގަރު ބަނދަރުގެ މަސައްކަތަކީ ސަރުކާރުން އިސްކަމެއް ދެއްވައިގެން ހިންގަވަމުން އަންނަ މަޝްރޫޢެކެވެ

މުލަކަތޮޅު ދިއްގަރުން ރައްޔިތުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމުން މަސްވެރިކަން ކުރާ ދޯނިތައް ގިނަވެ ދޯނިތައް އަޅާނެ، އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލައަކީ މިރަށު ރައްޔިތުން ކުރިން ކުރަމުންދިޔަ ޝަކުވާއެކެވެ. ނަމަވެސް ސަރުކާރުން މިހާރު މިވަނީ ރައްޔިތުންގެ މި ޝަކުވާއަށް ނިމުމެއް ގެނެސްދެއްވާ، ދިއްގަރުގައި ޒަމާނީ ބޮޑު ބަނދަރެއް ހެއްދެވުމުގެ މަސައްކަތް 19 މެއި 2015 ގައި ފަށްޓަވާފައެވެ. 500 ފޫޓް މި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. އެހެންނަމަވެސް ބޮޑު ހިލަ ލިބުމުގައި ދިމާވި ދަތިތަކާއެކު ބޭރުތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ޓީވީއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި، ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާޢީލް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށް ދާގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިހާރު ހުއްޓިފައި އޮތް ބޭރު ތޮށީގެ މަސައްކަތްވެސް، ބޮޑު ހިލަ ރަށަށް ގެނެވި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށްޓޭވަރުވާނެ ކަމަށެވެ.

"ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ބަނދަރު ފުންކޮށް، ބަނދަރުގެ ބޭރުގައި ބޮޑުހިލައިގެ ތޮއްޓެއްލެވި، ބަނދަރުގައި ބޮޑު ޕޭވްމެންޓެއް ހެދިގެންދާނެ ކަމަށް،" ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް ވިދާޅުވިއެވެ.

މިރަށުގެ ބަނދަރުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ނިމިގެންދިއުމަކީ ދިއްގަރު ރައްޔިތުންގެ ބޮޑު އުންމީދެކެވެ. ދިއްގަރު ބަނދަރުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. ދިއްގަރުގައި ތަރައްޤީ ކުރައްވާ މި ބަނދަރު މަސައްކަތް ނިމުމުން މިރަށަށް ޢުމްރާނީ ގޮތުން ތަރައްޤީއަށް އަންނާނެ ކަމަށް މި ރަށުގެ ރައްޔިތުން ދެކެއެވެ. ސަރުކާރުން ގެންދަވަނީ ދިއްގަރުގައި ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކެއްވެސް ހިންގަވަމުންނެވެ.